ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު މި އަހަރުގެ ޖޫން މަހަށް ފަސްކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކުގެ ކިބައިން އެދިވަޑައިގެންފިއެވެ.

ކައުންސިލް އިންތިހާބަށް އެކުލަވާލާފައިވާ ގައުމީ ލަފާދޭ ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި އީސީއިން ވިދާޅުވީ ކައުންސިލް އިންތިހާބު ބޭއްވުމަށްޓަކައި ގާނޫނަށް ގެނެސްފައިވާ ބަދަލުތަކާއިއެކު އެޗްޕީއޭއިން ކަނޑައެޅި ގައިޑްލައިނުގައި ކަންބޮޑުވަން ޖެހޭ ގިނަ ކަންކަން ހުރި ކަމަށެވެ. އެގޮތުން މިހާރު އޮތް ގައިޑްލައިނާއެކު އިންތިހާބު ބާއްވައިނަމަ، މިހާރު ކުރާ ހަރަދުކޮށް އިތުރު އިންތިހާބެއް ބާއްވަންޖެހިދާނެ ކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު ބޭއްވޭ ގޮތަށް "ސަންސެޓް" ނުވަތަ ވަގުތީ ގާނޫނަށް އިސްލާހު ގެނެސްފައެވެ.

އެ ބިލުގައި އިތުރު އިސްލާހުތަކެއް ވެސް ހިމެނެއެވެ. އޭގައި ބުނާ ގޮތުން, އިންތިހާބު ބޭއްވޭނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅަން ޖެހޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މިއަދުގެ ބައްދަލުވުމުގައި އީސީއިން ވަނީ ގައިޑްލައިންގައި ހުރި ވަކިވަކި މާއްދާތަކަށް ރިޢާޔަތްކޮށް، ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަން ޖެހޭނަމަ އިންތިޚާބު އިންސާފުވެރިކަމާއިއެކު ނުބޭއްވި ދައުލަތުން ބޭކާރު ބޮޑު ޚަރަދެއް ކުރަން ޖެހިދާނެކަމަށް ވިދާޅުވެފައެވެ.

"އިންތިޚާބަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު، އެންމެ ފުޅާ އިންތިޚާބަށްވާއިރު، މިހާރު އޮތް ގައިޑުލައިނުން އަޅުގަނޑުމެންނަކަށް ނެތް މި ކަން ކުރެވޭކަމަށް." އީސީގެ މެމްބަރު އިސްމާއިލް ހަބީބު ވިދާޅުވިއެވެ.

އީސީއިން މީގެ ކުރިން މަސައްކަތް ކުރަމުން ދިޔައީ މާޗު މަހު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ ތިންވަނަ ދުވަހަށް ދަންމާލުމާއި ގުޅިގެން އެ ދުވަހަށް އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީއިން ވިދާޅުވިއެވެ.

މިއަދު ބޭއްވި ކޮމިޓީގައި ވަނީ އޭޕްރީލް މަހުގެ ތިންވަނަ ދުވަހާއި ދިހަވަނަ ދުވަހާ ދެމެދުގެ ތާރީހެއްގައި އިންތިހާބު ބޭއްވުމަށް މަޝްވަރާކޮށްފައެވެ.

މގެ އިތުރަށް އިންތިހާބު ޖޫން މަހަށް ފަސްކުރުމަށް އީސީއިން ސިޔާސީ ޕާޓީތަކުގެ ކިބައިން އެދިވަޑައިގަނެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

އެ ގޮތަށް އީސީއިން އެދުނުއިރު, އިންތިހާބުގެ ވަގުތީ ގާނޫނުގައި އޮންނަ ގޮތުން މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެއެވެ. އެކަމަކު އެ ތާރީހަށް އިންތިހާބު ނުބޭއްވޭ ނަމަ 30 ދުވަހުގެ ތެރޭގައި މަޖިލީހަށް އީސީއިން އަންގަން ޖެހޭނެ ކަމަށްވެސް އެ އިސްލާހުގައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖަނާޒާ

    ކީއްކުރަން ބާއްވާ އިންތިޚާބެއް. ކަތީބުން ލާބަލަ # އަނގަފޯލިސަރުކާރު

    20
  2. ލައިލާ

    ތިޔައީ އެމްޑީޕީގެ ރޭވުން

    12
  3. ޥަކޭ މޭން

    ޢީސީއިން އެދުނަސް ތީ ރީދޫ ކުދިން ބޭނުން ވި ގޮތް. ޅަސްކުރި ވަރަކައް ކަލޭމެން އޮތް ތާއީދު ކުޑަވަން

    11
  4. އިއްބެ

    ގައުމަށް ހަރަދުބޮޑުވާ ކަންކަމާ ވާހަކަދައްކާނީ އީސީ އިންތަ، ހެހެހެހެ ހާދަ ގައުމީޔޭ، ޝަރީ ފޫ ވެރިކަމަށް ލާންވީނު،

  5. އސ ޝރފފފފ

    އެއުޅެނީ އީސީއާ އެމްޑީޕީ ގުޅިގެން މޮޅެތި އުކުޅުތައް ބޭނުންކޮށް ރާވައިގެން ވޯޓް އޮޅުވާލައިގެން މުޅި އެމްޑީޕީގެ މެންބަރުންނަށް ކައުންސިލް ދޭންވެގެން އެހެންވެ އަވަހަށް ބާއްވަން ބަހަނާ ދައްކަނީ 😡 ބޭރުގެ ފަަރާތްތަކާއެކީ ޑީލްއެއް ހެދޭނެހާ ދުވަސް ނޯއްނާނަތީ