މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 79 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މި ވަނީ 14712 އަށް އަރާފައެވެ.

ރާއްޖެއިން މިހާރު ފަރުވަދެމުން ދަނީ 1017 މީހަކަށެވެ. މީގެ ތެރެއިން 79 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްތަކުގައެވެ. އޭގެ ތެރެއިން ހަތަރު މީހުންނަށް އައިސީޔޫގައި ފަރުވާދެމުންދާއިރު، އެކަކު އޮތީ ވެންޓިލޭޓަރުގައެވެ.

ރާއްޖެއިން މިއަދު ފައްސިވި މީހުންގެ ތެރެއިން މާލެ އިން ފައްސިވެފައި ވަނީ 36 މީހުންނެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުން ހަ ވޭދަނަ ފެނިފައިވާއިރު، ހިންގަމުންދާ ރިސޯޓްތަކުން 35 ވޭދަނަ ފެނިފައި ވެއެވެ. އަދި ސަފާރީތަކުން ހަ ވޭދަނަ ފެނިފައި ވެއެވެ.

މިހާރު މާލެ އިން ފައްސިވި މީހުންގެ ތެރެއިން ފަރުވާދެމުން ދަނީ 525 މީހަކަަށެވެ. އަތޮޅު ތެރެގައި 119 މީހަކަށް ބަލި ޖެހިގެން ފަރުވާ ދީފައިވާއިރު، ބަލި ޖެހިފައި ތިބި 295 މީހަކު ރިސޯޓްތަކުގައި އެބަ ތިއްބެވެ. އަދި ސަފާރީތަކުގައި ހަތް ވޭދަނައާއި، ތަރައްގީ ކުރަމުންދާ ރަށްތަކުގައި 13 ވޭދަނައާއި، އިންޑަސްޓްރީއަލް ރަށްތަކުން ތިން މީހަކަށް މިހާރު ބަލި ޖެހިފައި ތިބި މީހުން އެބަ ތިއްބެވެ.