ރާއްޖޭގެ ރިސޯޓްތަކުގައި ކޮވިޑް-19 އަށް ފައްސިވެ، މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދުތައް އިތުރުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ރިސޯޓްތައް ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލީ ޖުލައި 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވާން ފަށާފައިވާއިރު، ބައެއް ރިސޯޓްތަކުގައި ކޮވިޑް-19 ޖެހިފައި ތިބި ފަތުރުވެރިންނާއި، މުވައްޒަފުންގެ އަދަދު ވަނީ އިތުރުވެފައެވެ.

އެގޮތުން ރާއްޖޭގެ އެކި ރިސޯޓްތަކުގެ ތެރެއިން 295 މީހަކަށް ކޮވިޑް-19 ޖެހިގެން އެކަހެރިކޮށްފައި ވެއެވެ. އޭގެ ތެރެގައި ފަތުރުވެރިންނާއި ގެސްޓުން ހިމެނެއެވެ.

މިގޮތުން، އޮޅުވެލި ރިސޯޓުން އިތުރު 14 މީހަކު ފައްސިވެ އެ ރިސޯޓުން ޖުމްލަ ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދުތައް ވަނީ 78 އަށް އަރާފައެވެ. އަދި އޮބްލޫ ސެލެކްޓް ސަންގެލި ރިސޯޓުން އިތުރު، ވޭދަނަތައް ފެނި އެ ރިސޯޓުންފައްސިވި މުވައްޒަފުންގެ އަދަދު ވަނީީ 70 އަށް އަރާފައެވެ.

މީގެ އިތުރުން، އަނަންތަރާ ކިހާވަކުގައި ހަ ވޭދަނަ ފެނިފައިވައިރު، އިރުވެލި ރިސޯޓުން ފަސް މީހަކު ފެނިފައި ވެއެވެ. އިރުވެލި ރިސޯޓުން ފައްސި ވޭދަނަތައް ފެނިފައި ވަނީ ބަލީގެ އަލާމަތްތައް ހުރި ދެ މީހަކު ފެނުމާއި ގުޅިގެން ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުގެ ތެރެއިންނެވެ. އޭގެ ތެރެއިން މިއަދު އެކަކު ފައްސިިވިއިރު، އެ ރިސޯޓުން ވަކި ތަރުތީބެއް ނެތި ނެގި ސުންކު ޓެސްޓު ކުރުމުގެ ކަންކަން ދަނީ ކުރަމުންނެވެ.

ރެޒިޑެންސް މޯލްޑިވްސްގައި އިތުރު ތިން މީހަކު މިއަދު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއާއެކު އެ ރިސޯޓުން ފައްސިވި މީހުންގެ އަދަދު ވަނީ 14 އަށް އަރާފައެެވެ.

އަދި އަދާރަން ކްލަބް ރަންނާޅިން ޖުމްލަ 13 ފަރާތެއް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެޗްއީއޯސީން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ރިސޯޓްތަކުގައި، ބަލީގެ އަލާމަތްތައް ހުންނަ މީހުންގެ ސުންކު ނެގުމާއި، ގާތުން އެއްތާވި މީހުން ހޯދައި، އެ މީހުންގެ ސުންކު ނެގުމާއި، ރިސޯޓްތަކުގައި ވަކިތަރުތީބެއް ނެތި ސުންކު ނެގުމުގެ ކަންކަންވެސް ކުރިއަށްދާ ކަަމަށެވެ.

"މިގޮތުން އަޅުގަނޑުމެންނަށް އިތުރު ވޭދަނަތައް މި ރަށްރަށުން ފެންނަމުން މި ދަނީ".ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ރިސޯޓްތަކުން ފައްސިވާ ވޭދަނަތަކާއި ގުޅިގެން އެތަންތަން ވަކިވަކިން މޮނީޓަރ ކުރަމުންދަ ކަމަށެވެ. އަދި ކޮންމެ ރިސޯޓަކަށްވެސް ވަކިވަކިން އެއިރެއްގެ ހާލަތާއި ގުޅިގެން ކޮންޓްރޯލްކުރުމާއި ގުޅޭގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކުގެ މައުލުމާތު ދެމުންދާކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު