ގއ. ދެެއްވަދޫން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 78 އަށް އަރައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތުމާތު ނަޒްލާ ރަފީގް ވިދާޅުވީ، މި އިހަލުން އެންމެެ ގިނަ މީހުން ފައްސިވެފައި ވަނީ ދެއްވަދޫ އިން ކަމަށާއި މިހާތަނަށް ދެެއްވަދޫއިން 71 މީހަކު މި ބައްޔަށް ފައްސިވެފައިވާ ކަމަށެެވެެ.

"މިހާތަނަށް މި ކްލަސްޓަގެ ޖުމްލަ 476 ކޮންކްޓުން ވަނީ ފާހަގަވެފައި. ކްލަސްޓައާ ގުޅިގެން ޓެސްޓު ހެދުމަށް މިހާތަނަށް ޖުމްލަ 14،013 ސާމްޕްލްވަނީ ނަގާފައި." ނަޒްލާ ވިދާޅުވިއެވެ.

އެ އަތޮޅުގެ ވެރިރަށް ވިލިނގިއްޔާއި، ދާންދޫ މި އިހަލާއި ގުޅިގެން މޮނިޓަރިން ހާލަތަށް ވެސް ގެނެސްފައިވެއެވެ. ވިލިނގިލިން ތަރުތީބެއް ނެތި ނެގި ސުންކުތައް ނައްސިވުމާ ގުޅިގެން އެ ރަށުގައި އޮތް މޮނިޓަރިންގެ ހާލަތު މިހާރު ވަނީ އުވާލައިފައެވެ. އެކަމަކު ދާންދޫ އަދިވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ.

ދެއްވަދޫން ކޮވިޑް-19 ފެނިފައި ވަނީ މިދިޔަ މަހު 24 ވަނަ ދުވަހު ކަރަންޓީންގައި ހުރި ކުއްޖަކު ފައްސިވި ފަހުންނެވެ. އެ ރަށުން ފަހުން ވަކި ތަރުތީބެއް ނެތި ސުންކު ނަގާފައިވެއެވެ. އަދި އެ ރަށުން ގިނަ ބަޔަކު ފައްސި ވެެސްވިއެވެ.

ދެއްވަދޫ ވޭދަނަތަކާ ގުޅިިގެން ގއ. އަތޮޅުގެ ބައެއް ރަށްތަކުގައި ބަލީގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. އެގޮތުން މިހާތަނަށް މި އިހާއާ ގުޅޭ 70 އަށްވުރެ ގިނަ ވޭދަނަތައް އެ އަތޮޅުގެ ރަށްތަކުން ފެނިފައިވެއެވެ. މި ވޭދަނަތައް ފެނިފައިވާ ރަށްތަކުގެ ތެރޭގައި، ދެއްވަދޫ، ގއ. ވިލިނގިލި އަދި ދާންދޫ ހިމެނެއެވެ. މީގެ އިތުރުން، މި އިހާއާ ގުޅޭ މީހަކު ހުޅުމާލެއިންވެސް ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު