ރާއްޖޭގައި މިވަގުތު ކޮވިޑް-19 އަށް ފައްސިވެ ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު އަނެއްކާ ވެސް 1،000 އަށް ވުރެ އިތުރުވެއްޖެއެވެ.

ފާއިތުވި ދެތިން މަހުގެެ ތެރެގައި މި ބަލި ރާއްޖޭގައި ފެތުރޭ މިންވަރު އެއްކޮށް ކޮންޓްރޯލް ނުކުރެވުނު ނަމަވެސް ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެެ. އެެ ދުވަސްތަކުގައި ދުވާލެއްގެެ މައްޗަށް ފައްސިވާ އަދަދު އާންމުކޮށް ހުރީ 50 މީހުންނަށްވުރެެ ދަށުގައެވެެ. އެކަމަކު ފަހަކަށް އައިސް ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ 50 އަށް ވުރެ މައްޗަށް އަރައިފައެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 14،712 މީހުންނެވެ. އަދި ބަލީގައި ފަރުވާ ހޯދަމުން ދަނީ 1،017 މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަންގާރަ ދުވަހުން ފެށިގެން އިއްޔެ އިރުއޮއްސި ހައެކާ ހަމައަށް 79 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މި ބަލިން ރަނގަޅުވެފައި ވަނީ 13،639 މީހުންނެވެ.

ފާއިތުވި އެެއް ދުވަހުގެ ތެރޭގައި މި ބަލިން ރަނގަޅުވީ 24 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް މި ބައްޔަށް ޓެސްޓު ކުރުމަށް 374،217 ސުންކު ވަނީ ނަގާފައެވެެެ. ވޭތުވެެދިިޔަ 24 ގަޑިއިރު ތެރޭގައި ނެގި ސުންކުގެެ ޖުމްލަ އަދަދަކީ 3428 އެވެ. މިހާތަނަށް މި ބަލީގައި ރާއްޖެއިން ނިޔާވީ 49 މީހުންނެވެ. އެއީ 41 ދިވެހިންނާއި އަށް ބިިދޭސީންނެވެ.

ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އަތޮޅު ތެރެެއިންނާއި ރިސޯޓުތަކުން މިި ބައްޔަށް ފައއްސިވާ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވަމުންދާތީއެވެ. މި ބަލި އެންމެ ގަދައަށް ފެތުރެމުން އަންނަ ގއ. ދެއްވަދޫގައި މިހާތަނަށް 78 މީހަކު މި ބައްޔަށް ފައްސިވެެފައި ވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަން ޖެހޭ މުހިންމު ފިޔަވަޅުތައް އެެޅުމަށް ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު