އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ އަޑުއެހުން ލައިވް ކުރުމަށް ނިންމައިފިއެވެ.

މި އަޑުއެހުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރުފަހު 2:15 އަށެވެ. ހައި ކޯޓުން ވިދާޅުވި ގޮތުގައި އެ ޝަރީއަތުގެ އަޑުއެހުން އެ ކޯޓުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވް ކުރާނެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ދައުވާ އުފުލި ކުރީގެ ސަރުކާރުގެ އިސްވެރިންގެ ޝަރީއަތްތައް މީގެ ކުރިން ވެސް ލައިވްކޮށްފައިވެއެވެ. މި ގޮތުން ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް އެ ޝަރީއަތްތައް އެ ކޯޓުތަކުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކޮށްފައިވެއެވެ.

ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް ދަށު ކޯޓުން އިއްވާފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާ ކުރެއްވި ކަމަށް ބުނާ މައްސަލާގައި އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. އެއީ ގއ. މޮޑަވެލާ ކުއްޔަށް ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ދައުލަތުން ވިދާޅުވެއެވެ.

މާފުށީ ޖަލުގައި ރައީސް ޔާމީން އޮންނަވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެމަނިކުފާނަށް ހުކުމް އިއްވާފައިވަނީ އިންސާފުވެރި ޝަރީއަތަކުން ނޫން ކަމަށް އެމަނިކުފާނު ލީޑް ކުރައްވާ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއާއި އެމަނިކުފާނުގެ ސަޕޯޓަރުން ގަބޫލުކުރައްވައެވެ. އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އެތައް އިހުތިޖާޖެއް ކުރާއިރު، މިއަދުގެ އަޑުއެހުން ފަށާ ވަގުތު ހައި ކޯޓު ކައިރިއަށް ވެސް އެމަނިކުފާނުގެ ސަޕޯޓަރުން ޖަމާ ވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުފައްކިރު

    ތިހުކުމަކީ އަދުލުވެރި ހުކުމެއް ނޫންކަން މިހާރުވެސް އެގޭ.އެހެންވެ ލައިވް ކުރިއަސް ބަލާހިތެއްނުވޭ.

  2. ނަައީމް

    ސަރުކާރު އިސްލާހުވެ ރައީސްޔާމިން ގެއަށް މުޅި މި ދިވެހިރާއްޖެ ގުޅިފައިވަނީ ރައީސްޔާމިންއާކަން މިހާރު އެގިއްޖެ ރީދުލައްކުރިތާއިީދުގެނެސް ސީދާރައީސްޔާމީންއާ ގުޅެންބޭނުން މިހާރުވިސްނިއްޖެ ތަރައްގީވެސް މިހާރު މިު ބަލައިގަނެވެނީ

  3. ނަދާ

    ލައިވް ކުރަން ނިންމި ނިންމުމަކީ އިތުރަށް ފފފ ފަސްއަހަރު ބަންދުގައި ބަހަށްޓަން ކުރަން އުޅޭކަމަކާ ވ ވައްތަރު މިސަރުކާރަކުން ރޔާމިީނު އަކަށް ހެވެއްނޭދޭނެ .

  4. ގަމާރުން

    ޔާމީނާއި ދެކޮޅަށް މައްސަލަ ނިންމާކަން ކަށަވަރު ކުރެވުނީމަ ލައިވް އެކުރަނީ. ކުރިންފަހަރު އަތަށް ގޮވީމަ މިފަހަރު ޙުކުމްއަންނާނެ ގޮތް ކަށަވަރުކޮށްފަ ލައިވްކުރަނީ