ދެހާސް ތިންވަނަ އަހަރުން ފެށިގެން ކޮންމެ ފަސް އަހަރަކުން އެއް އަހަރު ދިވެހިން ދަނީ ބަލިމަޑުކަމެއް ތަހައްމަލު ކުރަމުން ކަމަަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.

ޣައްސާން މިފަދައިން ވިދާޅުވީ މާލޭގައި ތިބެ ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް ތ. ގުރައިދޫގައި އިދިކޮޅު ކޯލުޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

ޣައްސާން ވިދާޅުވީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ގައުމަށް މިފަދަަ ބޮޑު ބަދަލުތަކެއް އަންނަން މެދުވެރިވަނީ ދައުލަތުގެ ހިންގުން ބަދަލުވުމުން ކަމަށެވެ. އަދި ފެނިގެން ދަނީ ގައުމު ކުރިއަށް ދިއުމުގެ ބަދަލުގައި، ފަހަތަށް ދާ މަންޒަރު ކަމުގައި ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވި ގޮތުގައި ކޮންމެ 100 އަހަރަކުން އެއްފަހަރު ދުނިޔެއަށް ބަލިމަޑުކަމެއް ފެތުރިގެން ދެއެވެ. އަދި ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމަކީ މިފަދަ ދުވަސްތަކެއް ކަމުގައި ވިދާޅުވިއެވެ.

"ތަފާސްހިސާބު ހިސާބުތަކުން ދައްކާ ގޮތުވައި ކޮންމެ 100 އަހަރަކުން އެއްފަހަރު ދުނިޔެއަށް ބަލިމަޑުކަމެއް ފެތުރިގެން ދޭ. އަޅުގަނޑުމެން މިފަދަ ދަނޑިވަޅެއްގައި ތަހައްމަލް ކުރަމުން މިދަނީ މިފަދަ ދުވަސްތަކެއް. ހަމަ މިގޮތަކަށް އަޅުގަނޑުމެންގެ އަމިއްލަ ތަޖުރިބާގަ ދިވެހިރާއްޖެއަށް ބަލާލައިފި ކަމުގައި ވަންޏާ، 2003 ވަނަ އަހަރުން ފެށިގެން ކޮންމެ 5 އަހަަރަކު މުޅި ގައުމަށް މައުނަވީ ގޮތުގަ، ދީނީ ގޮތުން ވިޔަސް، އިޖްތިމާއީ ގޮތުން ވިޔަށް އިގްތިސޯދީ ގޮތުން ވިޔަސް ހީނަރުކަމެއް އާދޭ. ކުރިޔަށް ދިއުމުގެ ބަދަލުގައި ފަހަތަށް ދާތަން އެބަ އާދޭ" ގައްސާން ވިދާޅުވިއެވެ.

ސަރުކާރަށް ފާޑުވިދާޅުވަމުން ޣައްސާން ވިދާޅުވީ މި ސަރުކާރު ދެމި އޮންނަހާ ހިނދަކު ރައްޔިތުންނަށް ދިމާވަނީ ގިލަންވެރިކަމާއި، ހިތްދަތިކަމާ، ނިކަމެތިކަން ކަމަށެވެ. އަދި ގައުމުގައި ފެތުރެމުންދާ ނުރައްކާތެރި ބަލިމަޑުކަން ކޮންޓޯލްކޮށް "ކާވް ފްލެޓަން" ކުރެވޭނެ ގޮތެއް، ހޯދަން ޖެހޭކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ކުރާ ނޭދެވޭ އަސަރު އެންމެ ކުޑަވާނެ ކަމަށް ފެންނަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ޕީޕީއެމްއަށް ކާމިޔާބުކޮށްދީގެން ކަމަށްވެސް ޣައްސާނު ވިދާޅުވިއެވެ.