ގއ. ދެއްވަދޫ އިން ފައްސިވި މީހުންގެ އަދަދު 60 އަށް އަރައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީޤް ވިދާޅުވީ، އިއްޔެ އެރަށުން އިތުރު ތިން މީހަކު ފައްސިވެފައިވާ ކަމަށެވެ.

ކޮވިޑަށް ދެއްވަދޫ އިން ގިނަ ބަޔަކު ފައްސިވާން ފެށުމާއި އެކު އެރަށް ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.

ތައުފީގް ވިދާޅުވީ، އެރަށް ފުރަބަންދު ކުރި ފަހުން ގެއިން ބޭރަށް މީހުން ނުނިކުންނަ ކަމަށާއި، ގެއިން ބޭރަށް ނުކުމެ ގަވާއިދާއި ހިލާފަށް އުޅޭކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ދެއްވަދޫން ކޮވިޑް-19 ފެނިފައި ވަނީ މިދިޔަ މަހު 24ވަނަ ދުވަހު ކަރަންޓީންގައި ހުރި ކުއްޖަކު ފައްސިވި ފަހުންނެވެ. އެރަށުން ފަހުން ވަކި ތަރުތީބެއް ނެތި ސުންކު ނަގާފައި ވެއެވެ. އަދިއެރަށުން ގިނަބަޔަކު ފައްސިވެެސް ވެފައި ވެއެވެ.

ދެއްވަދޫ ވޭދަނަތަކާއި ގުޅިިގެން ގއ. އަތޮޅުގެ ބައެއް ރަށްތަކުގައި ބަލީގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. އެގޮތުން މިހާތަނަށް މި އިހާއާ ގުޅޭ 70 އަށްވުރެ ގިނަ ވޭދަނަތައް އެ އަތޮޅުގެ ރަށްތަކުން ފެނިފައި ވެއެވެ. މި ވޭދަނަތައް ފެނިފައިވާ ރަށްތަކުގެ ތެރޭގައި، ދެއްވަދޫ، ގއ. ވިލިނގިލި އަދި ދާންދޫ ހިމެނެއެވެ. މީގެ އިތުރުން، މި އިހާއާ ގުޅޭ މީހަކު ހުޅުމާލެއިންވެސް ފައްސިވެފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު