އޮޓޯ ގަރާޖު ކައިރީގައި މަރާލި އިސްމާއިލް ޝައްފާންގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތެއް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ސ. ހިތަދޫ، މަލަ، މުހައްމަދު އައިމަން ހަބީބު އާއި ސ. މަރަދޫ، މޫންލައިޓް ގްލޯރީ، ހަސަން ނަބާހު، ސ. ހިތަދޫ ޗަމަން، ހުސައިން ނިހާދު އަހްމަދު އަދި މއ. ޓޮމާޓޯ ފްލާވާ، ހުސައިން ޖައިލަމްގެ މައްޗަށެވެ.

މި ހަތަރު މީހުންގެ ތެރެއިން ހުސައިން ނިހާދު އަހްމަދާއި ހުސައިން ޖައިލަމްގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއެވެ. ބާކީ ތިބި ދެ މީހުން ކަމަށްވާ ހަސަން ނަބާހު އަދި މުހައްމަދު އައިމަން ހަބީބުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލުމަށް ބައިވެރިވި ކަމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ޝަރީއަތް މިއަދު މެންދުރު 13:00ގައި ބޭއްވުމަށް ވަނީ ތާވަލު ކޮށްފައެވެ. މިކަމާއި ގުޅިގެން މީގެކުރިން ފުލުހުން ބުނެފައި ވަނީ ޝައްފާންގެ މަރަކީ ބަދަލު ހިފުމެއް ކަމަށެވެ.

އެގޮތުން ޝައްފާންގެ މަރަކީ އެމްއެމްއޭ ކައިރީގައި މާރާމާރީ ހިންގާ މަރާލި އިބްރާހިމް އާގިލްގެ މަރާ ގުޅުންހުރި މަރެއް ކަމަށެވެ. އަދި ޝައްފާން މަރާލީ އާގިލް މަރާލުމުން އެކަމުގެ ބަދަލު ހިފުމެއްގެ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ. ޝައްފާން މަރާލިއިރު އޭނާގެ އުމުރަކީ 14 އަހަރެވެ. ޝައްފާން މަރާލީ އާގިލްގެ މަރަށް 11 މަސް ވެފައި ވަނިކޮށެވެ.