މާފުށީގެ މޫދަށް ކުނި އެޅުން ހުއްޓުވުމަށާއި މިހާރު އެ ރަށުގެ މޫދަށް އަޅާފައިވާ ކުނި ވަގުތުން ނެގުމަށް މާފުށި ކައުންސިލަށް އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފިއެވެ.

އީޕީއޭ އިން މާފުށި ކައުންސިލަށް ވަނީ ކުނި މެނޭޖު ކުރާނެ ހަރުދަނާ ޕްލޭނެއް ތައްޔާރުކޮށް އެ އެޖެންސީ އަށް ހުށަހެޅުމަށް އަންގާފައެވެ. އަދި ރަށުގައި އުފެދޭ ކުންޏަށް ރަށުގެ ކައުންސިލުން އަދި އާއްމުން ވެސް އަމަލު ކުރަމުން އަންނަ ގޮތް އީޕީއޭ އަށް ތަފްސީލާއެކު ހުށަހެޅުމަށް އަންގާފައިވެއެވެ.

ކުނި މެނޭޖު ކުރެވޭނެ ރަނގަޅު ސެންޓަރެއް ގާއިމް ކުރެވެންދެން ރަށުގައި އުފެދޭ ކުނި އުޅޭނީ ކައުންސިލުން ކަނޑައަޅާ ތަނެއްގައި ކަމަށާއި އެތަނަކީ އީޕީއޭގެ ހުއްދަ ލިބިފައިވާ ތަނަކަށް ވާން ޖެހޭނެ ކަމަށް އީޕީއޭ އިން ބުންޏެވެ. އީޕީއޭ އިން ބުނެފައި ވަނީ މިވަގުތު ވެސް މާފުށީގައި އިންސަނެރޭޓަރެއް ހުންނައިރު އޭގެ ބޭނުން ހިފުމަށް އެދޭ ކަމަށެވެ.

މާފުށީގައި މޫދަށް ކުނި އަޅާ ފަރާތްތައް ހޯދުމަށް ވެސް އީޕީއޭ އިން މާފުށި ކައުންސިލަށް އަންގާފައިވެއެވެ. އެރަށުގައި ކުނި މެނޭޖު ކުރަމުން ދަނީ އެންމެ އެދެވޭ ގޮތަށް ނޫން ކަމަށް ވެސް އެ ކައުންސިލަށް އަންގާފައިވެއެވެ. އީޕީއޭ އިން ވަނީ މީގެކުރިން ވެސް މި ކަންކަން ހައްލު ކުރުމަށް މާފުށި ކައުންސިލަށް ތަކުރާރުކޮށް އަންގާފައެވެ.

މިކަން އިތުރަށް ބެލުމަށް ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ) އާއި އީޕީއޭގެ އިތުރުން އެންވަޔަރަމަންޓު މިނިސްޓްރީގެ ހާއްސަ ޓީމެއް އެރަށަށް އަންނަ އާދީއްތަ ދުވަހު ދިއުމަށް ވަނީ މިހާރު ހަމަޖެހިފައެވެ.

މާފުއްޓަކީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެއް ރަށެވެ. އެރަށުގައި އެތައް ސަތޭކަ ފަތުރުވެރިންނެއް ޗުއްޓީ ހޭދަ ކުރަމުން އަންނައިރު އެރަށުން ކުނި މެނޭޖު ކުރުމަށް ކުރަމުން ގެންދާ ކަންކަމަށް މީހުން އަންނަނީ ފާޑު ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޯގޯސް

    މަހީކުރީ ގެސްޓް ހައުސްޓައް އޮތީމަ ވަރައްތަހުޒީބު މީހުންއުޅޭ ރަށެއްކަމައް އެކަމް ކުންހީއެއްމިކުރެވުނީ

  2. އަހުމަދު

    އީ،ޕީ،އޭ އިން ހަމަ ތިގޮތަށް ރިސޯޓު ތަކަށް ނާންގަނީ ކީއްވެ؟ މަށައް ހީވަނީ ރިސޯޓު ތަކުގެ ވެރިން ހިންގާތަނެއްހެން، އީ.ޕީ.އޭ އަކީ!

  3. މުހައްމަދު

    މާފުށީގެ ކުނި މެނޭޖް ކުރެވޭނީ އެންމެންގެ އެއްބަރުލުން ލިބިގެން

  4. ޒާ

    އަދި ކިރިޔާތޯ އީޕީއޭ ހޭވެރިކަންވީ. އެރަށުގާ މޫދަށް ކުނިއަޅާތީ ފޮޓޯތަކާއެކު ކިތައްފަހަރު މީގެ ދެއަހަރެއްކުރިންފެށިގެން އީޕީއޭއަށް ފޮނުވިކަން އެނގޭތޯ