ކޯޓުތަކުން ކުރާ ޙުކުމްތައް ދުވަހުން ދުވަހަށް އާއްމު ކުރުމަށް ސްޕްރީމް ކޯޓުން އަންގައިފިއެވެ.

ސްޕްރީމް ކޯޓުން މިގޮތަށް އަންގާފައިވަނީ، މިދިޔަ ހޯމަ ދުވަހު އެކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައެވެ.

މި އެންގުމުގައި ބުނެފައިވާ ގޮތުން، ވެބްސައިޓްތައް ހަދާފައި ހުންނަ ކޯޓުތަކުން، ކުރާ ޙުކުމްތަކުގެ ޕީޑީއެފް ކޮޕީއެއް އެ ކޯޓުގެ ވެބްސައިޓްގައި ޝާޢިޢުކުރަންވާނެ ކަމަށާއި، އަދި އެއީ ފަނޑިޔާރު ސޮއިކޮށްފައި އޮންނަ ޙުކުމަކަށް ވާންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، ޙުކުމުގެ އެެއްވެސް އަކުރަކަށް ނުވަތަ ފިއްޔަކަށް ބަދަކެއް ގެންނަންވާނީ، އެ މައްސަލައިގައި ހިމެނޭ ދެ ޙަސްމުންގެ ހާޞިރުގައި ނުވަތަ އެ ޙަސްމުން ތަމްސީލު ކުރި ވަކީލުންގެ ހާޟިރުގައި ކަމަށާއި، އެގޮތަށް އިސްލާޙު ގެންނަ އިރު، އެނޫން އެހެން ބަދަލެއް ގެނެސްފައި އޮވެގެން ނުވާނެ ކަމަށެވެ. އަދި ޙުކުމަށް އިސްލާޙު ގެނައިކަން އެނގޭނެ ރެކޯޑްސް އެ ކޯޓުގައި ފައިލްކުރެވިފައި ހުންނަޖެހޭނެ ކަމަށާއި، އަދި ކުށްފިލުވުމަށްފަހު، އެ ޙުކުމް އަލުން ވެބްސައިޓްގައި ޝާޢިއު ކުރަންވާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުންނާއި ސްޕްރީމް ކޯޓުން ކުރާ ޙުކުމްތައް މިހާރުވެސް ދުވަހުން ދުވަހަށް ފެންނަން ހުރެއެވެ. އަދި އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ވަކި ޤާނޫނަކުން ހުރަސް ނާޅާ ހުރިހާ އަޑުއެހުންތަކެއްވެސް ސްޕްރީމް ކޯޓުން މިހާރު، ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ގެނައި މި ބަދަލާއި އެކު، ހައިކޯޓުންވެސް ބައެއް އަޑުއެހުންތައް ޔޫޓިއުބް މެދުވެރުކޮށް ލައިވް ކޮށްފައިވެއެވެ. އެގޮތުން، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލުހުކުމުގެ އިސްތިޢުނާފާއި ގުޅިގެން، އެ ކޯޓުން ގޮތެއް ނިންނުމަށް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އަޑުއެހުންވެސް ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ޔާމީންގެ މި މައްސަލައިގެ ޙުކުމް ކުރުން ތާވަލްކޮށްފައިވަނީ މިއަދުގެ މެންދުރުފަހު 2:15 އަށެވެ.