އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލިޔަސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު ބޭއްވޭ ގޮތަށް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނެސްފައިވާ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފިއެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމި ކައުންސިލް އިންތިހާބު އަހަރެއްހާ ދުވަހަށް ފަސްވެގެން ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތުވުމުންނެވެ. ދެން މި އަހަރުގެ މާޗު މަހު އިންތިހާބު ބާއްވަން މަސައްކަތް ކުރިއެވެ. އެކަމަކު ފެބްރުއަރީ މަހާ ހަމައަށް ސިއްހީ ކުއްލި ހާލަތު ދަންމާލުމުން އީސީއިން ވަނީ މާޗު މަހު އިންތިހާބު ނުބޭއްވޭނެ ކަމަށް ނިންމައިފައެވެ.

އީސީއިން ވިދާޅުވާ ގޮތުގައި އިންތިހާބު ބޭއްވެން އޮންނާނީ ކެމްޕޭން ކުރުމަށް މަދުވެގެން ދެ މަސް ދުވަހުގެ މުއްދަތެއް ވެސް ދެވޭ ގޮތަށެވެ. އެހެންކަމުން މިހާރު ނިންމާފައި އޮތީ ފެބްރުއަރީ މަހު އެ ފުރުސަތު ހުޅުވާލާ ގޮތަށް އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އިންތިހާބުގެ ވޯޓްލުން ބޭއްވުމަށެވެ. އެކަމަކު އެ ގޮތަށް ކުރިއަށް ދާނީ ވެސް ސިއްހީ ކުއްލި ހާލަތުގައި އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނު އިސްލާހުކޮށްގެން ކަމަށް އެ ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

ަސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހަޅުއްވައި، މަޖިލީހުގެ 38 މެންބަރުންގެ ވޯޓުން ފާސްކޮށްފައިވާ މި ބިލުގައި ސިއްހީ ކުއްލި ހާލަތު އުވާނުލިޔަސް އިންތިހާބު ބޭއްވޭނެ ކަމަށް ބަޔާން ކޮށްފައިވެއެވެ. އަދި އިންތިހާބަށް އަޅަން ޖެހޭ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިމެނޭ ގައިޑްލައިނެއް އެކުލަވާލަން ވެސް އޭގައި އޮތެވެ.

ރައީސް ތަސްދީގު ކުރެއްވުމުން މިހާރު ގާނޫނަކަށް ވެފައިވާ އެ ބިލުގައި މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބޭއްވުމަށް ކުރިން ވަގުތީ ގާނޫނުގައި އޮތް މާއްދާއަށް ވެސް އިސްލާހެއް ގެނެސްފައިވެއެވެ. މި ގޮތުން އެ ތާރީހުގެ ކުރިއަށް އިންތިހާބު ބޭއްވުމަށް ހުރަސް އެޅޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން ސަބަބު ބަޔާންކޮށް މަޖިލީހަށް އީސީއިން އަންގަން ވާނެ ކަމަށް ބިލުގައިވެއެވެ.