ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ރާއްޖޭގައި ޖެހުމަށްޓަކައި ސިއްހީ ހިދުމަތްތެރިން ތަމްރީންކުރުމުގެ މަސައްކަތް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ފަށައިފިއެވެ.

އިއްޔެ ރާއްޖެއަށް ވަނީ އިންޑިއާގެ ފަރާތުން އެއްލައްކަ ވެކްސިން ޑޯޒް ހަދިޔާ ކޮށްފައެވެ. ކަމާއި ގުޅުން ހުރި މުވައްސަސާތަކުން ބުނީ، މި ވެކްސިން ދޭން ފަށާނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެ ވެކްސިން ޖެހުމަށް ހުއްދަ ލިބުމުން ކަމަށެވެ.

އެޗްޕީއޭއިން މިއަދު ވިދާޅުވީ، ވެކްސިން ޖެހުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރި ތަމްރީން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަަމަށެެވެ. އޮންލައިންކޮށް ބައްވާ މި ސެޝަންތަކުގައި އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިން ބައިވެރިވަމުން ދެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ، މި ތަމްރީންތަކުގައި އަތޮޅު ހޮސްޕިޓަލްތަކާއި، ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާ 290 ސިއްހީ ހިދުމަތްތެރިން ބައިވެރިވެފައިވާކަމަށެވެ.

އުނިސެފް އާއި ޑަބްލިވްއެޗްއޯ ގުޅިގެން ކުރިއަށްގެންދާ މި ސެޝަންތަކުގައި ބައިވެރިންނަށް ވެކްސިން ޖެހުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި، އެއްތަނުން އަނެއްތަނަށް ރައްކާތެރިގޮތުގައި ވެކްސިން ޑެލިވަރކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި، ވެކްސިން އުފައްދާފައިވާ ޑިމާންޑާއި، ވެކްސިނާގުޅޭގޮތުން އެނގެން ޖެހޭ މައުލޫމާތުތައް ދޭނެ ގޮތްތައް ކިޔާދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު