އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ގޯސް ކަމަށް ހައި ކޯޓުގައި ރައުޔަ ނެރުއްވި ފަނޑިޔާރު ހުސައިން ޝަހީދުގެ ސުލޫކީ މައްސަަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އޮތް އިރު އެ މައްސަލަ ދެން ވަރަށް އަވަހަށް ބައްލަވާނެ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވިއިރު، ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ދަށު ކޯޓުގެ ހުކުމުގެ މައްސަލައިގައި، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަނީ އެ ހުކުމް ދަމަހައްޓަން މިއަދު ހުކުމް ކުރައްވައިފައެވެ. ހުކުމް ރަނގަޅު ކަމަށް ރައުޔަ ނެރުއްވީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒްއެވެ.

މި ކަމަށް އިޝާރާތް ކުރައްވައި ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދެ އަހަރު ވަން ދެން ޖޭއެސްސީގައި "ޕާކްކޮށްފައި" އޮތް ފަނޑިޔާރު ޝަހީދުގެ ސުލޫކީ މައްސަލަ ދެން ނިކަން އަވަހަކަށް ކުރިއަށް ގެންދާނެ ކަމަށެވެ.

 

ހައިލަމް މި ގޮތަށް ވިދާޅުވެ ޓްވީޓެއް ކުރެއްވިއިރު، ހައިލަމަކީ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ ޝަރީއަތް ހިންގެވިއިރު މައްސަލަ ބެއްލެވި ގާޒީއެވެ. އެކަމަކު އެ ޝަރީއަތުގެ ހުކުމާ ހަމައަށް ގޮސްފައިވަނިކޮށް ސުލޫކީ މައްސަލައެއްގައި ޖޭއެސްސީއިން ވަނީ ހައިލަމް ސަސްޕެންޑްކޮށްފައެވެ. އެ މައްސަލައަކީ ކްރިމިނަލް ކޯޓުގެ އެތެރޭގެ ގްރޫޕަކަށް ހައިލަމް ފޮނުވި މެސެޖެއްގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗެންޗޭނު ޖަހާފައިވާ ފޮޓޯއެއް ހިއްސާ ކުރެއްވި މައްސަލައެކެވެ.

ރައީސް ޔާމީންގެ ޝަރީއަތުގެ މައްސަލަ ހައިލަމް ބައްލަވަމުން ގެންދެވިއިރު ވެސް ޖޭއެސްސީގައި ހައިލަމްގެ ސުލޫކީ އެހެން މައްސަލައެއް ވެސް އޮތެވެ. މި ގޮތަށް ރައީސް ޔާމީންގެ ޝަރީއަތް ހައި ކޯޓުގައި ކުރިއަށް ގެންދެވިއިރު މައްސަލަ ބައްލަވާ ބެންޗުގައި އިންނެވި ފަނޑިޔާރު ޝަހީދުގެ ސުލޫކީ މައްސަލައެއް ވެސް ޖޭއެސްސީގައި އޮތެވެ. އެކަމަކު ޖޭއެސްސީއިން ބަލަމުން ދަނީ ޝަހީދުގެ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީއިން އޭރު ހާމަކޮށްފައެއް ވެސް ނުވެއެވެ.

އިދިކޮޅުގައި ހުންނެވި ހަމައެކަނި ސިޔާސީ ލީޑަރު ކަމުގައިވާ ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައެވެ. އެ ފައިސާއަކީ ގއ. މޮޑަވުލާ ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމުގައި ދައުލަތުން ވިދާޅުވެއެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމަކީ އަދި އުފުލަމުންދާ ހިޔާނާތުގެ ދައުވާތަކަކީ އިންސާފުން ބޭރުން ހިނގަމުންދާ އަމަލުތަކެއް ކަމަށް އެމަނިކުފާނު ލީޑް ކުރައްވާ ދެ ސިޔާސީ ޕާޓީ ކަމުގައިވާ ޕީޕީއެމްއާއި ޕީއެންސީގެ އިތުރުން އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ގަބޫލުކުރެއެވެ. މާފުށީ ޖަލުގައި ރައީސް ޔާމީން އޮންނަވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ދަނީ އިހްތިޖާތްތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އައިޝް

    ހާދަބިރު ކުޑަ ހިތްވަރުގަދަ ދަރިޔެ ކޭ ހައިލަމް ފަދަ ހިތްވަރުގަދަ ކެރޭ ދިވެހިދަރީންތަ ކަ ކަށް މިޤައުމުއެނދި ގޮވަނީ މަ ކަރުގަދަ ދޮގުވެރިންގެ ނިމުން ދައް ކަވާށި މާޝާﷲ

    68
    6
  2. ނޫރީ

    ފަނޑިޔާރ ޝަހީދު ސާބިތުކޮށްދެއްވީ އަދުލު އިންސަފު ޤާއިމް ކުރުމުގައި ދިވެހި ޤާޝީން ފަގަތަށްޖެހި ބިރު ނުގަންނާނެކަމާއި ކެރޭ ދަރިން ނުކުމެ މިޤައުމު ސަލާމްތްކުރާނެކަން.. އެއީ ޤައުމީ ބަތަލެއް... ސުލޫކީ މަށްސަލަތަތަކީ ޖުޑިޝަރީ ހިސާރުކޮށްގެންތިބި ސިޔާސި ޕައިރޭޓުން އުފައްދާ ނާތަހުޒިބީ އަމަލުތަކެއް.... ރައްޔިތުން ތެދުވެ ޤައުމު ސަލާމަތްކުރައްވާ....

    73
    5
  3. ޑައެލޯގް

    ހައިލަމްގެ ވާހަކަ ބަރާބަރު

    72
    6
  4. ތާއީދު

    މިފަހަރު ހައިލަމަށް ތާއީދު. ޖޭއެސްސީއަކީ ހައްދުން ނެއްޓިފައި ތިބި ބަޔަކު ހިންގާ ގޭންގެއް ކަހަލަ ތަނެއް މިހާރު.

    42
    3
  5. Anonymous

    އެއިރު ތިބޭފުޅާވެސް އުޅުނީ ހަމަ އެންގެވިގޮތަށޭ....
    އެހެން ނޫނަސް ތީމިހާރު ޤާޟީއެއްނޫން ވިއްޔާ... ޔާމީން ޕާޓީގެ އެކްޓިވިސްޓެއް... ލޮލް

    3
    26
  6. ނަަސީމު

    ފަނޑިޔާރު ސަހީދު އަކީ ފަނޑިޔާރު އާއިލާ އެއްގެ ބޭފުޅެއް

    8
    1
  7. މޮހޮދު

    ޙައިލަމް ތި ބުނުއްވީ ތެދެއް މޑޕ ގުންޑާއިންނަކީ ހަޖަމުގެ މައްސަލަ ހުންނަބައެއް