މިހާރު ކުރިއަށްދާ ދުވަސްތަކަކީ ޕީޕީއެމްގެ ސަޕޯޓަރުންނަށް ހިތްދަތި ދުވަސްތަކެއް ކަމަށާއި މި ދުވަސްތަކަށް ފަހު އުފާވެރި ދުވަސްތައް ބައްދަލު ކުރާނެ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ޕީޕިއެމްގެ ސަޕޯޓަރުންނަށް ހިތްވަރުދެއްވައިފިއެވެ.
ޝަުޖާއު ވަނީ ޕީޕީއެމްގެ ސަޕޯޓަރުން މިވަގުތު ކުރަމުންދާ ހިތްވަރު ފާހަގަކުރައްވާ އެކަމަށް ސާބަސްދެއްވާފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކޮށް، އެމަނިކުފާނުގެ ހައްގުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފައެވެ. އެހެންވެ، ޔާމީންގެ ވަކީލުންގެ ޓީމުން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ބެލެވެއެވެ.
ޝުޖާއު ވަނީ ޕީޕީއެމް ބޮޑުވީ ފަސް މީހުންނާއެކު މަސައްކަތްކޮށްގެން ކަމަށް ވެސް ވިދާޅުވެފައެވެ. މިހެން ޝުޖާއު ވިދާޅުވީ މީހުން މަދު ވިޔަސް ޕީޕީއެމްގެ ހިތްވަރު ހުންނާނެކަން ހާމަކޮށްދިނުމުގެ ގޮތުން ކަމަށް ބެލެވެއެވެ.
އިދިކޮޅު ކޯލިޝަންގެ ލީޑަރު ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދުކޮށް އެމަނިކުފާނު މިނިވަން ނުވުމުން އިދިކޮޅު ކޯލިޝަނާއި ޔާމީން ސަޕޯޓަރުން ރޭ ވަނީ މުޒާހަރާކޮށްފައެވެ.
މުޒާހަރާގެ ބައިވެރިންވަނީ މާލޭގެ އެކި މަގުތަކުގައި ހިނގާފައެވެ. މި ގޮތުން ރައީސް ޔާމީން ލީޑް ކުރައްވާ ދެ ޕާޓީ ކަމުގައިވާ ޕީޕީއެމްއާއި ޕީއެންސީގެ ދިދަ ވެސް ބޭނުންކޮށްގެން ކުރި އެ މުޒާހަރާގައި، ރައީސް ޔާމީން މިނިވަން ކުރުމާއި އިންސާފު ގާއިމް ކުރުމުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ތިއްބެވި އެމްޑީޕީގެ ބޭފުޅުން މަގާމުތަކުން އިސްތިއުފާ ދެއްވުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ އިންސާފުން ބޭރުން ހިންގާފައިވާ ޝަރީއަތަކުން އިއްވާފައިވާ ހުކުމެއް ކަމުގައި އެމަނިކުފާނުގެ ސަޕޯޓަރުން ގަބޫލުކުރެއެވެ.
ނޮވެމްބަރު 28، 2019 ގައި ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ފައިސާގެ ތެރެއިން އެއް މިލއިަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލާގައި ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. އެ ފައިސާއަކީ ގއ. މޮޑަވުލާ ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ދައުލަތުން ވިދާޅުވެއެވެ.
ހައި ކޯޓުގައި މި މައްސަލަ އިސްތިއުނާފް ކުރިއިރު އެ މައްސަލައިގައި ޔާމީންގެ މައްޗަށް ދަށު ކޯޓުގައި އިއްވާފައިވާ ހުކުމަށް ތާއީދުކޮށް އަމުރު ނެރުނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުގެ އަޣުލަބިއްޔަތުންނެވެ. އެ ހުކުމް ދެމެހެއްޓުމަށް ރައުޔައެއް ނެރުނީ މުޙައްމަދު ނިޔާޒުއާއި ހުސައިން މަޒީދެވެ. ފަނޑިޔާރު ހުސައިން ސައީދުގެ ރައުޔު ނެރުއްވީ ދަށު ކޯޓުގެ ހުކުމް ގޯސް ކަމަށް ވިދާޅުވެއެވެ.
3 ވަކީލުން ތިބީރު ކީއްވެ އެއީ ތެދެއްވިއްޔާ ތެދެއްކަން 3 މީހުނަށް ގަބޫލުނުކުރެވުނީ . ޢޭގެމާނައަކީ 1 ވަކީލަކީ ވަކާލާތުގައި ހުކުމް ކުރާގިތް ނޭގޭމީހެކޭ. ނޫނީ ހުކުމް ކުރެވޭކޮތް އެގެނީ 1 ވަކީލަށް އަނެއް 2 ވަކީލުންނަކީ ނޭގޭ 2 މީހުނޭ.