ގިޔާމަތާ ޖެހެން ދެން ބާރުވެރިކަމަކު ނުތިބެވޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ނުސީދާކޮށް މި ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ސަދޫމްގެ އިންސާފު އޮންނަ ތަނެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ސަދޫމްއަކީ އަދުލު އިންސާފު އެއްވެސް ވަރަކަށް ގާއިމްވެފައި ނުވާ ތަނެކެވެ. މުއާޒް މިހެން ވިދާޅުވި ސީދާ ސަބަބެއް ހާމަކުރައްވާފައި ނުވި ނަމަވެސް މުއާޒް އިޝާރާތް ކުރެއްވީ މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހައި ކޯޓުގައި އިއްވި ހުކުމަށް ކަމަށް ބެލެވެއެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ. އެކަމަކު، ޔާމީންގެ ވަކީލުން އެ ހުކުމް ބަލައިނުގަނެ، އެ މައްސަލަ ސުޕްރިމް ކޯޓަށް ހުށަހަޅަން މިހާރު ވަނީ ނިންމައިފައެވެ.

 

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޙުކުމާއި ގުޅިގެން، އެ މައްސަލަ އިސްތިޢުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވަނީ ޖުމްލަ 75 އިސްތިޢުނާފީ ނުކުތާއާއެކުއެވެ. މި ނުކުތާތަކާއި ގުޅިގެން، ޝަރީޢަތަށް ފާހަގަކުރެވުނު މުޙިއްމު ކަންކަމާއި ގުޅިގެން މިއަދުގެ ޝަރީޢަތުގައި ވާހަކަފުޅު ދައްކަވާފައިވަނީ ފަނޑިޔާރު މުޙައްމަދު ނިޔާޒެވެ.

މައްސަލައިގެ ޙުކުމަށް ވާޞިލްވުމުގައި ފަނޑިޔާރުންނަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރެއިން، ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރަޢުޔު އިއްވަމުން، ވިދާޅުވީ، ޖިނާޢީ މައްސަލަތަކުގައި ކުށް ސާބިތު ކުރުމުގެ މިންގަނޑު، ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ކަމަށާއި، އެގޮތުން، މަނީލޯންޑްރިން އަދި ޓެރެރިޒަމަށް ފައިނޭންސް ހުއްޓުވުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، އެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވަނީ ރައީސް ޔާމީންނަށް އެނގިގެންކަން، ދަޢުލަތުން ސާބިތުކޮށްދޭން ނުޖެހޭ ކަމަށާއި، ދަޢުލަތުގެ ޒިންމާއަކީ، އެ ފައިސާ އަކީ، ޝައްކު އެކުލެވޭ ފައިސާއެއްކަން ނުވަތަ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެކަށީގެންވާ މިންވަރަށް ސާބިތުކޮށްދިނުން ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ޖަމާކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ފުލުހުންނަށް ހުށަހެޅީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 18 ވަނަ ދުވަހުއެވެ.

އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އޭސީސީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީންގެ އެކައުންޓަށް އަމިއްލަ ކުންފުންޏަކުން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވަނީ ދެފަހަރެއްގެ މަތިން ކަމަށް ބުނެފައިވެއެވެ. އެގޮތުން ފުރަތަމަ 13 އޮކްޓޯބަރ 2015 ގައި ފަސްލައްކަ ޑޮލަރު އަދި އޭގެ ދެދުވަސް ފަހުން 15 އޮކްޓޯބަރ 2015 ގައި ފަސްލައްކަ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އޭސީސީ އިން ބުނެފައިވެއެވެ.

މަނީ ލޯންޑްރިންގެ ދަޢުވާ ސާބިތުވެ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު، ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށާއި ފަސް މިލިއަން އެމެރިކާ ޑޮލަރު (77.1 މިލިއަން ދިވެހި ރުފިޔާ) އިން އެމަނިކުފާނު ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ، 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހުއެވެ.

ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވި ޙުކުމުގައި ވަނީ ޔާމީންގެ މައްޗަށް ކުރި ދައުވާގައި ބުނާ އެއްމިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމާއި، އެފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް ޕްލަސް އެކައުންޓަށް ޖަމާކޮށް އިންވެސްޓް ކޮށްފައިވާ ކަމަށް ބުނެފައެވެ.

އަދި އެފައިސާ އަކީ އޭސީސީ އިން ތަޙްޤީޤު ކުރާ މައްސަލައެއް ކަން އެނގި އެފައިސާ ޝައްކު ކުރެވޭ ހާލަތުގައި ހުރި ފައިސާ ކަން ދައުލަތުން ހުށަހެޅި ހެކިބަހުން ސާބިތުވާތީ މަނީ ލޯންޑްރިން ކުށުން ޔާމީން ކުށްވެރިވާ ކަމަށް ކަނޑައަޅާ ޔާމީން ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ޙުކުމް ކުރާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޢަފްލާ

  ވެރިކަން ވަގަށް ނަގައިގެން ބާރުވެރިކަމުގަ އިބު ހުއްޓަކަސް އަދި ދުވަހެއް އޮންނާނެ

  37
  9
 2. އަޖައިބު

  ބަލަ ކަލޭމެން ޔާމީން ސަރުކާރުގަ ޖަލްސާތަކަށް އަރާ ގިޔާމަތާ ޖެހެންދެން ވެސް ވެރިކަން ކުރާނީ ޕީޕީއެމްއޭ ކީ. މިހާރު ދެން ކޮން ހާސަރެއް ތި ގޮވަނީ.

  16
  34
 3. Anonymous

  ގިޔާމަތާ ޖެހެންދެން ޕީޕީއެމް ވެރިކަމުގަ އޮންނާނެ ކަމަށް ތިބޭފުޅުން ގޮވިކަން ހަދާން ނެތީތޯ؟

  12
  33
 4. މަނީމަނީ

  އަމިއްލަޔައް ލަދުގަނެބަލަ

  7
  24
 5. ހުދު ހުދާ.

  ބަލަ މާރޯދުވާލު އެއްމެން ކުރިމަތީ ހިނގައި ދިޔަ ކަމެއް ފެއްނަން އޮތަސް މިމީހުނަކަށް ޤަބޫލެއް ނުކުރެވޭ ޙައްޤަކީ ކޮބައިކަން.

  9
  2
 6. ނަނާހުވަފެން

  އެހެންވެ ޔާމީނު ގާތުގަ ބުނީ ރަނގަޅަށް އުޅޭށޭ. އެކަމަކު ޔާމީނު ހީކުރީ ގިޔާމަތާ ޖެހެންދެން ހުރެވޭނެ ކަމަށް. ޖަމީލު ބޭރުކޮށް އަދީބު ގެނަސް ވައްކަން ހަވާލުކުރީ. އާހިރުގަ އަދީބުވެސް ޔާމީނު ބޮލަށް ގުއިރުނީ. މައުމޫނުގެ ބަސް ޔާމީނު ގަބޫލުކުރިނަމަ މިހެންނުވީސް. އެންމެ ފަހުން ބޭބެ ގެއްލި، ބޭބެ ޖަލަށްލީ ހުތުރު ނަންލިބި ޖަލުގެ ތޭރިތަކުގެ ފަހަތަށް ދާންޖެހުނީ. އެހެންވެ މުއާޒުވެސް ދެންވެސް ބޮޑާބަސް ނުބުނެ އިސްލާހިވޭ

  7
  9
 7. ވގ

  ތި ވަގު 5 އަހަރުގަ ސޭހެއްގޮތައް ތުބުޅިދިގުކޮއްފަ ހުރިމެން ބަރަކުބުނި ގިޔާމަތާޖެހެންދެން ވަގު ވެރިކަން އޮންނާނެކަމައް މިހާރުމިވީ ކިހިނެތް

  3
  1
 8. އަލްޖިބްރާ

  ޔާމީނު ޤިޔާމަތާއި ހަމައަށް ވެރިކަން ކުރާނެތަ ؟

  3
  1
 9. ޙަސަން

  ގިޔާމަތާއި ޖެހެންދެން ބާރުވެރިކަމުގައި ތިބެވޭނެކަމަށް މުއާޒުމެންވެސް ހީކުރި، މިއަދު ވިސްނުނީތީ އުފާކުރަން