ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކަކާ ގުޅިގެން ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރި އަލީ ވަހީދުގެ މައްޗަށް ކުރާ ހަތް ދައުވާގެ ޝަރީއަތް އަންނަ އާދީއްތަ ދުވަހު ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.

ކްރިމިނަލް ކޯޓުގެ އާދީއްތަ ދުވަހުގެ ތާވަލުގައިވާ ގޮތުން އަލީ ވަހީދުގެ މައްޗަށް ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ އެ ދުވަހުގެ މެންދުރު ފަހު 1:30 ގައެވެ.

އަލީ ވަހީދަށް ކުރާ ދައުވާތަކަކީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަ ނޫން ޖިންސީ މުއާމާލަތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ.

އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ގޯނާ އާއި ފުރައްސާރައާއި ޖިންސީ އެހެނިހެން އަމަލުތަކުގެ ސަބަބުން އޭނާ މަގާމުން ވަކި ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި ނުވަ ވަނަ ދުވަހުއެވެ. އޭނާ މަގާމުން ވަކިކޮށްފައި ވަނީ ވަޒީރު ކަމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވުމުން ވެސް އިސްތިއުފާ ދެއްވުމަށް ދެކޮޅު ހެއްދެވުމުންނެވެ.

އެކި ދުވަސް މަތިން ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންނަށް އަލީ ވަހީދު ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ބުނެ ބައެއް މުވައްޒަފުން ވަނީ އެ މައްސަލަ ރައީސް ސޯލިހްއަށް ހުށަހަޅުއްވައިފައެވެ. އަލީ ވަހީދު މަގާމުން ވަކިވުމަށް ފަހު، އޭނާއަށް ކުރާ ތުހުމަތުތަކާ ގުޅިގެން ފުލުހުން ކުރި ތަހުގީގުގެ ތެރެއިން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔައެވެ.

އަދި ފަހުން އަލީ ވަހީދަށް ރާއްޖެއިން ބޭރަށް ނުފުރޭ ގޮތަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓައި، ކޯޓު އަމުރެއްގެ ދަށުން ބޭރަށް ފުރުން މަނާކުރިއެވެ.

އަލީ ވަހީދަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާ ވިދާޅުވީ ފުލުހުން ކުރާ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށާއި އެ ވާހަކަތައް ފެންމަތިކޮށް އޭނާ މަގާމުން ވަކި ކޮށްފައި ވަނީ ސިޔާސީ ބޭނުމަކަށް ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ކުރި ބަޔަކު އޭނާ ވިދާޅެއް ނުވެއެވެ. ހަމައެކަނި ވިދާޅުވީ މި މައްސަލާގައި ހަނު ނުހުންނަވާނެ ކަމަށާއި ކެރިހުރެ މައްސަލައާ ކުރިމަތި ލައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަނާ ހުވަފެން

    މީ މުޖްތަމައު އަށް ނުރައްކާތެރި މީހެއްނޫންތޯ ގޭގަ ބަހައްޓާފަ ހުރީ؟ ރިހާކުރި ފުޅި ނެގީމާ ޝަރީއަތް ނިމެންދެން ބަންދު، ގަދަކަމުން އަންހެނެއް ގަޔަށް އަތްލަން އުޅުނީމާ ނުރައްކާތެރިއެއްނޫން.. އޯކޭ... ވިސްނިއްޖެ

    15
  2. މިސްޓަރ އެންޑް މާސްޓަރ

    މިދެން އަޅެ ކާކުތަ؟ ރާއްޖެ ލޮކްޑައުން ކޮށްފަ ޖިންސީ ފުރައްސާރަކުރި މިނިސްޓަރަކު މީނަ ނޫނީ އުޅެނެބާ. މާރިޔާއާއި ދިމާލަށް އަދި އަންނިއާއި ދިމާލަށް މީނަ ކީ އެއްޗިހި މީނަ ހަނދާން އެހުރިބާ.

  3. ޑައެލޯގް

    ތިޔަ ޝަރީއަތްކުރާނެ އެކަމު ހުކުމް އަންނާނީ 1 މަސްދުވަހުގެ ޖަލެވެ. ހުކުމް ބޮޑުވެއްޖެނަމަ ގޭގައިހުރެގެން ހުކުމް ކުރާގޮތަށް ހަމަޖެހޭނެއެވެ. އެގޮތަށް ނުވެއްޖެނަމަ ހޯރައިއްބެއަށް ވީގޮތަށް ކިބޫގެ މާފުލިބޭނެއެވެ. މިއީ މިސަރުކާރުން ރައްޔިތުންގެ ލޮލުގައި އަދުންއަޅުވަންކުރާކަންކަމެވެ.