މި މަހުގެ މިހާތަނަށް ރާއްޖެ އަށް 60،000 އަށްވުރެ ގިނަ ފަތުރުވެރިން އައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެއާ ހަމައަށް 60،581 ފަތުރުވެރިއަކު ރާއްޖެ އަށް ޒިޔާރަތް ކުރިއެވެ. އޭގެ ތެރެއިން އެންމެ ގިނަ އިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ. އެ ދުވަހު އައީ 4،195 ފަތުރުވެރިންނެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 13،880 ފަތުރުވެރިން އައިސްފައިވާ އިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން 10،623 ފަތުރުވެރިން އައިސްފައިވާއިރު، ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔޫކްރޭނުންނެވެ. ޔޫކްރެއިނުން ރާއްޖެ އައީ 5،020 ފަތުރުވެރިންނެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ 15 އަތޮޅެއްގެ 47 ރަށެއްގައި 307 ގެސްޓްހައުސްއެއް ހުޅުވައިގެން ފަތުރުވެރިންނަށް ދަނީ ހިދުމަތް ދެމުންނެވެ. އަދި ރާއްޖޭގެ 142 ރިސޯޓަކާއި މެރީނާއެއް ހުޅުވައިގެން ހިދުމަތްދޭ އިރު، 11 ހޮޓަލަކާއި 134 ސަފާރީއެއް ދަނީ އޮޕަރޭޓް ކުރަމުންނެވެ.

ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ކުރުމަށް ސަރުކާރާއި ގުޅިގެން ބައެއް އިދާރާތަކުން މަސައްކަތް ކުރަމުން އަންނަ ކަން ވަނީ ފާހަގަވެފައެވެ. އެގޮތުން އަންނަ އަހަރުގެ އޮކްޓޫބަރުގައި ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭތީ އެކަމާ ގުޅޭ ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

މިދިޔަ އަހަރު ނިމުނު އިރު، ރާއްޖެއަށް 555،399 ފަތުރުވެރިން އައިސްފައި ވެއެވެ. މީގެ ތެރެއިން 172،366 ފަތުރުވެރިން އައިސްފައި ވަނީ ނުރައްކާތެރި ކޮވިޑް-19 ވައިރަހާ ގުޅިގެން އަލުން ބޯޑަރު ހުޅުވާލި ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙާލަތު

    އަގުތައް ދަށްކުރީމަ އަދިވެސް ގިނަވާނެ އަންނަލެއް... އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    1
    1