ރައީސް ޔާމީނަށް ދެވޭ ނުޙައްޤު އަނިޔާއަކުން، ޕީޕީއެމްގެ "ބިޔަ" ލަޝްކަރުގެ ހިތްވަރު ބަލިނުކުރެވޭނެ ކަމަށާއި، މާތްﷲ ގެ އިރާދަފުޅާއި އެކު، 2023 ގައި ރައީސް ޔާމީން ވެރިކަމަށް ގެންނާނެ ކަމަށް، ޕީޕީއެމްގެ ނައިބް ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ޣައްސާން މިއަދު ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ޙުކުމް، އިއްޔެ ވަނީ ހައިކޯޓުން ދަމަހައްޓާފައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މި މައްސަލަ ބައްލަވާ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޙުސައިން މަޒީދާއި، ފަނޑިޔާރު މުޙައްމަދު ނިޔާޒު ވަނީ ކްރިމިނަލް ކޯޓުގެ ޙުކުމަށް ތަޢީދުކޮށްފައެވެ. ފަނޑިޔާރު ހުސައިން ޝަހީދުގެ ރަޢުޔުގައި ބުނެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް އިއްވާފައިވާ ޙުކުމެއް ކަމަށާއި، އެހެންކަމުން އެ ޙުކުމް ބާޠިލް ކުރަންޖެހޭ ކަމަށެވެ.

ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވި ޙުކުމުގައި ވަނީ ޔާމީންގެ މައްޗަށް ކުރި ދައުވާގައި ބުނާ އެއްމިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމާއި، އެފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް ޕްލަސް އެކައުންޓަށް ޖަމާކޮށް އިންވެސްޓް ކޮށްފައިވާ ކަމާއި، އެފައިސާ އަކީ އޭސީސީ އިން ތަޙްޤީޤު ކުރާ މައްސަލައެއް ކަން އެނގި އެފައިސާ ޝައްކު ކުރެވޭ ހާލަތުގައި ހުރި ފައިސާ ކަން ދައުލަތުން ހުށަހެޅި ހެކިބަހުން ސާބިތުވާތީ މަނީ ލޯންޑްރިން ކުށުން ޔާމީން ކުށްވެރިވާ ކަމަށް ކަނޑައަޅާ ޔާމީން ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ޙުކުމް ކުރާކަމަށެވެ.

ޙުކުމުގައި ވަނީ މަނީ ލޯންޑްރިންގެ ގާނޫނު އޮންނަ ގޮތުން މަނީ ލޯންޑްރިންގެ ކުށް ފުރިހަމަވުމުގައި ދެ ރުކުނެއް ފުރިހަމަވާން ޖެހޭނެ ކަމަށެވެ. އެއީ ވަކި މުދަލަކީ ނުވަތަ ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަން ނުވަތަ ފައިސާއެއް ކަން ޝައްކު ކުރެވޭ އެކަށީގެންވާ ސަބަބެއް އޮތުން އަދި އެކަން އެނގިހުރެ އެ ފައިސާ ބޭނުން ކުރުން ނުވަތަ އޭގެ އަސްލު އޮޅުވާލުން ކަމަށެވެ. އަދި ފަސް މިލިއަން އެމެރިކާ ޑޮލަރު (77.1 މިލިއަން ދިވެހި ރުފިޔާ) ޙުކުމް ކުރި ތާރީހުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ކްރިމިނަލް ކޯޓުން ޙުކުމް ކުރިއެވެ.

ޣައްސާންގެ އިތުރުން، މަޑުއްވަރީ ދާއިރާގެ މެމްބަރު، އަދި ކުރީގެ ޑިފެންސް މިނިސްޓަރ އަދާމް ޝަރީފްވެސް ވަނީ ރައީސް ޔާމީނަށް ހައިކޯޓުން އިއްވި ޙުކުމާއި ގުޅިގެން ޓްވީޓް ކުރައްވާފައެވެ.

އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިއްޔެއަކީ ޖުޑީޝަރީ މިނިވަންކޮށް، ކޮރަޕްޝަނަށް ޒީރޯ ޓޯލަރެންސް ދޭނެކަމަށް ވީ ވަޢުދުގެ ނިވަލުގައި، ވެރިކަމަށް އައި ކޯލިޝަންގެ މަކަރުވެރި ސޫރަ ހާމަވެގެންދިޔަ ދުވަސް ކަމަށާއި، އިއްޔެ އަކީ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ޙުކުމަށް، ހައިކޯޓުގެ 33 އިންސައްތަ ނޫނެކޭ ބުނި ދުވަސް ކަމަށެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. 13 ވގ

  އޯކޭ ހިއްވަރެއްހުރިއްޔާ ކޮއްލަ

  6
  17
 2. Anonymous

  އިންޝާﷲ

  29
  3
 3. ކުރީ ގެ ރައީސް

  ވެރިކަން ހޯދައި ދޭން ތި އުޅެނީ އަނެއްކާ މަ ޖަލަށް ފޮނުވަން ދޯ @ މަ ސަލާމް! ދެން ދުވަހަކު ވެސް މަ ތިކަމެއް ނުކުރާ ނަން އެނގިއްޖެ!

  2
  11
 4. އަހްމަދު

  އުއްމީދު އާވި އުއްމީދު ގެ ބަހެއް

  20
  2