ރިސޯޓުތަކުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ އެއް ރިސޯޓެއްގެ މުވައްޒަފަކު އެހެން ރިސޯޓަކަށް ދާ ކަމަށްވާ ނަމަ 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފިއެވެ.

މީގެކުރިން އެއް މެނޭޖުމަންޓަކުން ހިންގާ ރިސޯޓުތަކަށް ދިއުމަކަށް 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރާކަށް ނުޖެހެއެވެ. ނަމަވެސް ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އިން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ގުޅިގެން އަޅަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ މި މަހުގެ 19ވަނަ ދުވަހު އެ މިނިސްޓްރީ އިން އުސޫލެއް ނެރެފައިވާނެ ކަމަށެވެ. އަދި އެ އުސޫލުގައި އެއް ރިސޯޓުން އަނެއް ރިސޯޓަށް ދާ ފަރާތްތައް 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާނެ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަނެއްކާވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މީގެކުރިން ރާއްޖެއިން ފައްސިވާ މީހުންގެ އަދަދު 20 ނުވަތަ 15ގައި އުޅުނުއިރު މިހާރު އެ އަދަދު 50 އިން މައްޗަށް ވަނީ އަރާފައެވެ. ބައެއް ދުވަސް ދުވަހު އެ އަދަދު 70އަށްވުރެ މައްޗަށް ވެސް އަރާފައި އެބަހުއްޓެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއިން މިހާރު ފައްސިވާ މީހުންގެ ތެރެއިން ގިނައީ ރިސޯޓުތަކުން މި ބައްޔަށް ފައްސިވާ މީހުންނެވެ. އަދި ރިސޯޓުތަކުންވެސް ބައްޔަށް ފައްސިވަނީ މުވައްޒަފުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެލެކުސް

    ސޭޓް ކޮންމެ ދުވަހަކު މާމިގިއްޔަށް އާ ދޭ ކޮންތާކުން ހުއް ދަނަގާގެން ކައުންސިލަރުން ތިބޭ ގާތުގަ ސަނާކިޔަން

  2. އެމަންޖެ

    ތިޔަ 10 ދުވަސް ބޭކާރު ކަމެއް 1 ދުވަހައް ހަދާލާ.