ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ މައްސަލައިގެ ޝަރީއަތުގެ ކުރިން ހުށަހެޅި ގިނަ ހުށައެޅުންތަށް ބަލައި ނުގަަންނަން ގާޒީ ނިންމަވައިފިއެވެ.

މިއަދު މިމައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން ހުށަހެޅި ހުށައެޅުންތަކާއި ބެހޭގޮތުން ގޮތް ނިންމަވަމުން، މައްސަލަ ބައްލަވާ ގާޒީ ޢަލީ އާދަމް ވަނީ ގިނަ ހުށައެޅުންތައް ބަލައިނުގަންނަން ނިންމާފައެވެ.

އޭގެ ތެރޭގައި ދައުވާ ފޯމްގައި ޕްރެސެކިއުޓާ ޖެނެރަލްގެ ސޮއި ނޫން އެހެން ފަރާތެއްގެ ސޮއި ކޮށްފައިވާތީ އެހެން ފަރާތެއް ސޮއި ކުރާކަމުގެ ސިޓީއެއް ލިބިފައި ނުވާކަމަށް ހަސަން ސައީދުގެ ފަރާތުން ބުނި ނަމަވެސް ގާޒީ ވިދާޅުވީ ދައުވާ ފޯމްގައި ސޮއިކުރުމަށް ޑެޕިއުޓީ ޕްރެސެކިއުޓަރ ޖެނެރަލް އަށް ހުއްދަ ދީފައިވާ ކަމުގެ ލިޔުން ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ހަސަން ސައިދުއަށް ޗިޓް ހަވާލުކުރުމަށް އޭނާގެ ގެއަށް ފުލުހުން ފޮނުވިއިރު ހަސަން ސައީދު އޭރު އެ ގޭގައި ނޫޅުއްވާ ނަމަވެސް ހަސަން ސައީދު ފުލުހަށް ހާޒިރުވާން އަންގާފައިވާކަން ހަސަން ސައީދުއަށް އެނގޭކަމުގެ ހެކި އެބަހުރި ކަމަށެވެ.

އޭގެ އިތުރުން ކުށްކުރި ވަގުތާއި ތަން ދައުވާ ފޯމްގައި ހާމަވާން ނެތް ކަމަށް ދިފާއުގައި ވިދާޅުވި ނަމަވެސް ދައުވާ ފޯމުގައި ކުށްކުރި ވަގުތާއި ތަން ދައުވާ ފޯމްގައި ހާމަވާން އެބަހުރި ކަމަށް ގާޒީ ވިދާޅުވިއެވެ.

ދައުލަތުގެ ފަރާތުން ވަނީ ހެކި ސިއްރު ކޮށްދިނުމަށް ކޯޓް އަމުރަކަށް އެދިފައި އެވެ. މިއަދު ގާޒީ ވަނީ ދައުލަތުން ސިއްރުކުރުމަށް އެދިފައިވާ ލިޔުންތައް ސިއްރުކުރުމަށް އަމުރެއް ނެރެދެއްވާފައެވެ.

މިމައްސަލަ އަކީ މަދަނީ މިގަނޑަށް ބަލާއިރު ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ގާޒީ ވަނީ މިއަދު ނިންމަވާފައެވެ. ދެން މިމައްސަލައިގައި އޮންނަ އަޑުއެހުމުގައި އޮންނާނީ ދެފަރާތުން ހެކި ހުށައަޅުން ކަމަށް ގާޒީ މިއަދު ވިދާޅުވިއެވެ.