ކޮވިޑް-19އާ ގުޅިގެން ބަންދުކޮށްފައިވާ ސްރީލަންކާ މިހާރު ހުޅުވާލާފައިވާއިރު، އެ ގައުމަށް ޝެޑިއުލް ދަތުރު ކުރުމަށް ހުއްދަ ލިބިފައިވާ އެއާލައިންތަކުގެ ތެރޭގައި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިމެނިއްޖެ އެވެ.

ލަންކާގެ ބޯޑަރު އަލުން ހުޅުވާލީ ޖެނުއަރީ 21 ވަނަ ދުވަހު އެވެ.

ދެކުނު އޭޝިއާގެ އެއާލައިންތަކުން ލަންކާއަށް ދަތުރު ކުރުމަށް އެ ގައުމުގެ ސިވިލް އޭވިއޭޝަނުން ހުއްދަ ދެމުންދާއިރު، މިހާރު އެ ހުއްދައަށް އެދި ހުށަހެޅި އެއާލައިންތަކުގެ ތެރޭގައި ހިމެނެނީ އިންޑިގޯ އެއާ، އިތިއޮޕިއަން އެއާލައިން، މޯލްޑިވިއަން، ސްކައި ކެޕިޓަލް ބަންގްލްދޭޝް، ޖެޓްސްޓާ އޭޝިއާ އެއާވޭސް-އޮސްޓްރޭލިއާ، އެއާ ފްލެކޮން- ޕާކިސްތާން އަދި ޖަޒީރާ އެއާވޭސް އެވެ.

ސިވިލް އޭވިއޭޝަނުން ބުނީ، މިހާތަނަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ހުއްދަ ދިން އެއާލައިންތަކުގެ ތެރޭގައި އިތިއޮޕިއަން އާއި މޯލްޑިވިއަން ހިމެނޭ ކަމަށެވެ.

ސްރީލަންކާއިން އަދި ހުޅުވާލީ ކަޓުނަޔަކީ އަދި މައްޓަލާ އެއާޕޯޓެވެ. އަދި ކޮވިޑް-19 ޓެސްޓު ކުރުމުގައި އޮތް ދަތިކަމުގެ ސަބަބުން ދުވާލަކަށް އެ ގައުމަށް އެތެރެވެވެނީ 2500 މީހުންނަށެވެ.

ސިވިލް އޭވިއޭޝަނުން ބުނީ ލަންކާގެ ބޯޑަރު މިދިޔަ އަހަރު މާރިޗް މަހު ބަންދު ކުރުމުގެ ކުރިން އެ ގައުމަށް ޝެޑިއުލް ދަތުރު ކުރަމުންދިޔަ ބޮޑެތި އެއާލައިންތަކުން މިހާރު ދަތުރުތައް ފަށާފައިވާ ކަމަށެވެ.