ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް އިސްލާހު ގެންނަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑްރަގް އެޖެންސީ އަށް އިސްލާހު ގެންނަން ޖެހިފައިވާކަމީ ޝައްކު ހިނގާ ކަމެއް ނޫން ކަމަށެވެ. އަދި މަސައްކަތް ފަސްވެ ލަސްވަމުން ދިއުމަކީ މުޅި ރާއްޖެ އަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށް އެމަނިިކުފާނު ވިދާޅުވިއެވެ.

ނަޝީދު އެގޮތަށް ވިދާޅުވި އިރު، ފަރުވާގެ ނިޒާމު ހަރުދަނާކޮށް އެންޑީއޭގެ ކަންކަން އިސްލާހު ކުރަން ގޮވާލައި އެ އެޖެންސީ ކުރިމަތީގައި މިދިޔަ މަހުގެ ކުރީކޮޅު މުޒާހަރާ ވެސް ކުރިއެވެ. މަސްތުވާތަކެއްޗާ ގުޅޭ އެކި ޝުއޫރު ފާޅުކޮށްފައި ހުރި ބޯޑުތަކާއި ޕޯސްޓަރުތައް ބޭނުން ކޮށްގެން ކުރި މުޒާހަރާގައި ފަރުވާގެ ނިޒާމުގައި ހިނގަމުން އަންނަ ދޯހަޅި ކަންކަން ހާމަކޮށްދީފައިވެއެވެ.

އާންމުންގެ ކަންބޮޑުވުންތައް މި މައްސަލައިގައި ބޮޑުވެފައި ވަނިކޮށް ރައީސް އޮފީހުގައި ކަމާބެހޭ އިދާރާތަކުގެ ބޭފުޅުންނާ އެކު ނައިބު ރައީސް ފައިސަލް ނަސީމް ބޭއްވެވި ބައްދަލު ކުރެއްވުމުގައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދު ކުރާ މީހުންނަށް ފަރުވާދޭނެ އަވަސް ގޮތްތަކެއް ކަނޑައަޅުއްވައިފައެވެ. އެގޮތުން އެމަނިކުފާނު ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުންނަށް ފަރުވާ ދިނުމަށް ގުޅީފަޅުގައި ވަގުތީގޮތުން ގާއިމްކުރެވޭ ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރުގެ މަސައްކަތްތައް އަވަސް ކުރުމުގެ ގޮތުން، މިކަމުގައި ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކަށް ކުރިމަތިވި ބައެއް މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވައިފައެވެ.

މީގެ ނުވަ އަހަރުކުރިން އުފެއްދި އެންޑީއޭ އަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ސިޔާސަތުތައް ތަންފީޒު ކުރާ އިދާރާއެވެ. އެންޑީއޭގެ އިސްވެރިޔަކު ނެތި ދިއުމަށް ފަހު ސީއީއޯކަަށް ބޭފުޅަކު ހަމަޖައްސެވީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެ އެޖެންސީގެ ސީއީއޯ ކަމަށް ހަމަޖެއްސީ މުހައްމަދު ހަބީބެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަވާސާ އިބޫ

    ތިޔަ ބޭފުޅާގެ ވަރަށް ގާތް ބޭފުޅަކު ނޫންތޯ އެތަނުގައި ހިންގަން ހުންނަނީ އައިސަރު ރަސީދު ކިޔާމީހެއް އެމީހާއަކީ އޭނާގެ ފިރިމީހާއަށްވެސް ވަރަށް ގޯސްމީހެއް

  2. ކޮރަލް

    މީނަ ބޯ މީހުން ދެކެ ވ ލޯބި ވާނެ އެވެ.

  3. ކުރީ ސަރުކާރު

    އިސްލާހު ނުގެނެވިގެން ތިއުޅުނީ ކުރީސަރުކާރުން އެކަން ނުކޮށްގެންތަ؟ އަމިއްލަ ބޮކްސާ ބޭލޭއިރުވެސް ހިލަމެއްވެސް ނުވޭ ދޯ؟ އަނެއްކާ ޖައްސާގެންތަ؟ ހަމަ އަހާލީ