ލޯކަލް ކައުންސިލް އިންތިހާބަށް އަންހެނުންނަށް 33 ޕަސެންޓު ގޮނޑި ހާއްސަ ކުރުމަކީ ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ނޫން ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

ހައި ކޯޓުން މި ގޮތަށް ކަނޑައަޅުއްވައި ހުކުމް ކުރެއްވީ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ދެން ތިއްބެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިިމާއި ފަނޑިޔާރު ހުސައިިން ޝަހީދުގެ އިތުރުން ފަނޑިޔާރު ހާތިފް ހިލްމީއެވެ.

މި މައްސަލަ ހައިކޯޓަށް ހުށަހެޅީ އާއްމު ފަރާތެއް ކަމަށްވާ މޫސާ އަންވަރެވެ. މި މައްސަލަ ކުރިން ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް އެ ކޯޓުން ނިންމީ އެ މައްސަލަ ނުބެލުމަށެވެ. އެހެންކަމުން މޫސާ އަންވަރު ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ.

ލާމަރުކަޒީ ގާނޫނަށާއި ގަނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށްފަހު، އެ އިސްލާހުތަކާއެކު ފުރަތަމަ ބާއްވާ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާއިރު އޭގެ ތެރެއިން 370 ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފައެވެ.

އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމުން ގިނަބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ސިޓީ ކައުންސިލްތަކުގައި އަންހެނުންނަށް ގޮނޑި ހާއްސަ ކޮށްފައި އޮތުމުންނެވެ. ސިޓީ ކައުންސިލްތަކުގައި އަންހެނުންނަށް ގޮނޑި ހާއްސަ ކުރާ އުސޫލުގައި ވަނީ އެ ސިޓީއެއް ދާއިރާތަކަށް ބެހުމަށް ފަހު ކޮންމެ ދާއިރާއަކުން މެންބަރަކު އިންތިހާބު ކުރާއިރު، އެއިން އަންހެނުންނަށް ހާއްސަވާ ދާއިރާގެ ގޮނޑި ކަނޑައަޅަނީ ގުރުއަތު ލުމަކުން ކަމަށެވެ.

މޫސާ އަންވަރު ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެ އިސްލާހުތަކަކީ ގާނޫނު އަސާސީއާ ހިލާފު ބާތިލު އިސްލާހުތަކެއް ކަމަށް ކަނޑައެޅައިދިނުމަށެވެ.

މާލެ ސިޓީގެ 18 ދާއިރާގެ ތެރެއިން އަންހެނުންނަށް ހަ ދާއިރާއެއް ހާއްސަ ވާއިރު އައްޑޫގެ 12 ދާއިރާގެ ތެރެއިން ހަތަރު ދާއިރާއެއް އަންހެނުންނަށް ހާއްސަކޮށްފައިވެއެވެ. ފުވައްމުލަކުގެ ހަ ދާއިރާއިން ދެ ދާއިރާ އާއި ކުޅުދުއްފުށީގެ ހަ ދާއިރާއިން ދެ ދާއިރާ އަންހެނުންނަށް ހާއްސަވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އޮޅުވާލި ވޯޓު

  ތިހައިކޯޓަކީ ކޮންތަނެކަން މިހާފުވަރައްސާފުކޮއް މުޅިދުނިޔެއްއް ސާބިތުވެހިގައްޖެ ހައިކޯޓުގެ އިތުރުތަފުސީލެ މިހާރަކުބޭނުމެނުވާނެ ރައްޔަތހުން

 2. ކޮރަލް

  ފުރަތަމަ ބާއްވާ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާއިރު އޭގެ ތެރެއިން 370 ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފައެވެ. މިފަހަރު ފިރިހެނުންނަަށް ވުރެ އަންހެނުން ގިނަ ވުމުގެ ފުރުސަތު ބޮޑެވެ. އެހެން ވެއްޖެނަމަ ފިރިހެނުންގެ ހައްގު ގެއްލި އެހައްގު ހޯދޭނެ ގޮތެއް ނޯންނާނެ އެވެ.

 3. އަބްދޫ

  ތިޔަ ގޮތަށް ނިންމި ކަމުގާ ވިޔަސް އިންސާނާގެ ހަމަހަމަ ކަމާއިމެދު ގާނޫނުއަސަސީގެ 17 ވަނަ މާއްދާގަ ބުނާބުނުމާ ތައާރަޒް ވާހެން ހީވޭ. 17 ގަ ށ. ގަ ބުނަނީ މުޖްތަމައުގެ ހާއްސަ އެހީ ދޭންޖެހޭ ބަޔަކަށް ހާއްސައެހީ ދިނުމަކީ ގާނޫނު އަސާސީގެ 17 ގެ ހ އާއި ހިލާފު ވުމެއްނޫންކަމަށް؛. ހާއްސަކުރެވޭ އަންހެނަކަށް ހާއްސަ ގޮނޑިއެއް ދީފިނަމަ އެގޮނޑި ގެންދެވެންޖެހޭނީ އޭނާގެ ގެއަށް 17 ވަނަ،މާއްދާގަ ބުނޭ ވަކި ޖިންސަކަށްވެގެން ޖިންސް ތަފާތު ނުކުރެވޭނެ ކަމަށް. މިހާރު ހާއްސަކުރުމުގެ ނަމުގަ ޖިންސް ތަފާތު ކުރުން ގާނޫނުއަސާސިއާއިހިލާފް. މިހާރު މިކުރެވޭކަމަކީ މުޖްތަމައުގާ ގާނޫނުއަސަސިއާއި ހިލާފަށް އަންހެނުންނާއިފިރިހެނުން ތަފާތު ކުރެވެނީ.

  10
 4. ކޮމެންޓު

  އިންސާފު ވީ ތަނެއްގަ ވީ ތިޔަ ނޫން ހުކުމެއް ނާންނާނެކަން 100% މައްސަލަ ބަލަން ފެށިއިރުވެސް

 5. އަބްދޫ

  ވަކި ޖިންސެއް ތަފާތު ކުރުން ގާނޫނުއަސަސިއާއި ހިލާފު ކަންޔަގީން.އާންމު އިންތިހާބެއްގަ ވަކި ޖިންސެއް ތަފާތު ކުރެވޭނަމަ ގާނޫނުއަސަސިއާއި ހިލާފު.އަންހެނަކު ދާއިރާއަކުން އިންތިހާބު ވެއްޖެނަމަ އެ އަންހެނަ އިށީނުމަށް ވަކިގޮނޑިއެއް ހާއްސަ ކުރެވިފާ ހުރުން ގާނޫނުއަސާސީ އާއި ހިލާފެއްނޫން.

 6. ދުންތަރި

  މާކުރިންވެސް އެނގޭ ތިޔަ ޙުކުމްކަން އިއްވާނީ އެއީ މިހާރު މި އޮތް ޖުޑިސަރީއަކީ އެމްޑީޕީ ހަރުގެ އެއް އެހެންވީމާ އެމްޑީޕީ ސަރުކާރުން ފާސްކުރާ ޤާނޫނެއް ގޯސް ނުވާނެ އަދި އެމްޑީޕީ މަޖިލީހުން ނިންމާ އެއްވެސް ނިންމުމެއް ގޯސް ނުވާނެ ކަނޑައެޅިގެން ރޯމާ ދުވާލު މީ ރޭގަނޑޭ ބުންޔަސް ކޯޓުތަކުން ނިންމާނީ އެގޮތަށް މީވަރަށް ސާފުކަމެއް

 7. ކެނެރީގެ

  ބަލަގަ މައުމޫނު ނަން ވާނީ އެކަމަކު ބާރު ލިބުނީމަ މި އިންގެނީ މިހެން ކަން، ހަދަން ވީ ހުސް ދަޅަ ކަލޭމެން އާންމުން ހަމަ ތިބެން ޖެހޭނީ ހުވަފެން ބަލަން އިބޫ އަކީ ހުވަފެނެތް އަސްލަކީ ހަމަ މި ނަޝީދު