“ގެދޮރުވެރިކުރުވުން” ޕްރާގްރާމްގެ ދަށުން ހުޅުމާލޭގައި އަލަށް ހެދި ފްލެޓުތައް ދޫކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެއެވެ.

އޭސީސީން މިހެން ވިދާޅުވީ އެ ފުލެޓްތައް ދޫކޮށްފައިވާ ގޮތާއި ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ބެލުމަށްފަހު މިއަދު އާއްމުކުރި ރިޕޯޓުގައެވެ.

އޭސީސީން ވިދާޅުވީ “ގެދޮރުވެރިކުރުވުން” ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ފޯމްތައް ބަލައިގަތްއިރު ފޯމްތަކުގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް ކޮމްޕިއުޓަރ ޖެނެރޭޓެޑް ސްލިޕްއެއް ފޯމް ހުށަހެޅި ފަރާތްތަކަށް ދޫކޮށްފައިވާ ކަމަށެވެ. އަދި އެ ސްލިޕްގެ ތިރީގައި “މިއީ ފޯމްގައި ދެވިފައިވާ މަޢުލޫމާތަށް ބަލައި ދެވިފައިވާ ޕޮއިންޓް ކަމަށާއި، ފޯމްގައިވާ މަޢުލޫމާތާއި ހުށަހަޅާފައިވާ ލިޔުންތައް އިތުރަށް ޗެކްކުރާއިރު ޕޮއިންޓް ދިނުމުގައި މައްސަލައެއް އުޅޭ ނަމަ ދީފައިވާ ޕޮއިންޓް އިސްލާހު ކުރެވޭނެ ކަމަށް” ބަޔާންކޮށްފައިވާ ކަމަށް އޭސީސީން ވިދާޅުވިއެވެ.

އެހެންކަމުން، އެ ސްލިޕްގައި އެވާ ޕޮއިންޓްއަކީ އެއްވެސް ޙާލަތެއްގައި އެފަރާތްތަކަށް ލިބިފައިވާ ފައިނަލް ޕޮއިންޓް ނޫންކަން ފާހަގަކުރެވޭތީ އާއި، ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުގެ ޕޮއިންޓް އުނިއިތުރު ކޮށްފައިވަނީ އެފަރާތްތަކުން ހުށަހަޅާފައިވާ ފޯމާއި، ފޯމާއެކު ހުށަހަޅާފައިވާ މައުލޫމާތާއި، އަދި ފްލެޓަށް އެދި ފޯމު ހުށަހެޅިތާ އަހަރުތަކެއްވެފައިވާތީ އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ބެލުމަށްފަހު ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާތީ ކަމަށްވެސް އޭސީސީން ވިދާޅުވިއެވެ.

އަދި ފްލެޓަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ވަޒަން ކުރުމަށް ގޭގެއަށް ޒިޔާރަތްކޮށް ސާރވޭ ކުރުމުގެ މަސައްކަތް އެކިއެކި ސަބަބުތަކާހުރެ ނިމިފައި ނުވާކަމަށްވެސް އޭސީސީން ވިދާޅުވިއެވެ. އެއީ، އެފަރާތްތަކުގެ ދިރިއުޅުން ރާއްޖެއިން ބޭރަށް ބަދަލުކުރެވިފައިވުމާއި، މާލެއިން އަތޮޅުތެރޭގެ ރަށްރަށަށް ދިރިއުޅުން ބަދަލުކުރެވިފައިވުމާއި، ވަޒީފާގެ ގޮތުން ދިރިއުޅޭ ތަނަށް ޒިޔާރަތްކޮށް ހާލަތު ބެލެން ނެތުމުންނާއި، ދިރިއުޅޭ އެޑްރެސް ބަދަލުވުމާއި، ތަކުރާރުކޮށް ގުޅުމުންވެސް ދިމާނުވުމުންނާއި، ފޯނު ނަންބަރު ބަދަލުވުމުން ފޯނަށް ނުގުޅުން ފަދަ ކަންތައްތައް ދިމާވުމާ ގުޅިގެން ކަމަށް އޭސީސީން ހާމަކުރެއެވެ.

ނަމަވެސް، އެފަދަ ފަރާތްތަކަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން އެފަރާތްތަކުން 01 ޖޫން 2017 ގެ ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ސިޓީ ހުށަހެޅުމަށާއި، ނުވަތަ ފޯނު މެދުވެރިކޮށް އެކަން އެންގުމަށާއި، އަދި 15 ޖޫން 2017 ގެ ފަހުން ދިރިއުޅުމުގެ ހާލަތު ވަޒަން ކުރުމަށް ގޭގެއަށް ޒިޔާރަތްކޮށް ސާރވޭ ކުރުމުގެ މަސައްކަތް ކުރުމަށް އިތުރު ފުރުޞަތު ދެވެން ނެތް ކަމަށް ބަޔާންކޮށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު (IUL)138-DS3/138/2017/31 (22 މޭ 2017) އިޢުލާން ކޮށްފައިވާކަން ފާހަގަކުރެވޭތީ އާއި، މި ދެންނެވި މުއްދަތުގައި ސާރވޭ ކުރުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކޮށް އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަލާފައިވާކަން ފާހަގަކުރެވޭ ކަމަށް އޭސީސީން ވިދާޅުވިއެވެ.

"ފްލެޓް ނުލިބިގެން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ޝަކުވާތަކާ ގުޅިގެން އެފަރާތްތަކުގެ ފޯމާއި، ފޯމާއެކު ހުށަހަޅާފައިވާ މައުލޫމާތާއި، އަދި އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗރ އިން އިތުރަށް ބެލުމަށްފަހު، ޕޮއިންޓަށް ބަދަލު ގެންނަންޖެހޭ ފަރާތްތަކަށް އެބަދަލު ގެނެސް، އޭގެ ތެރެއިން ފްލެޓް ލިބެންޖެހޭ ފަރާތްތަކަށް ފްލެޓް ދީފައިވާކަން ފާހަގަކުރެވެއެވެ" އޭސީސީން ވިދާޅުވިއެވެ.

އޭސީސީން ވިދާޅުވި ގޮތުގައި ކެޓަގަރީ 1 އިން ފްލެޓް ލިބެނީ 110 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކަށް އަދި ކެޓަގަރީ 2 އިން ފްލެޓް ލިބެނީ 112 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކަށް ކަމަށްވާއިރު، ކެޓަގަރީ 1 އިން ފުލެޓް ލިބުނު ފަރާތްތަކަކީ 110 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތައްކަށް ކަމަށެވެ. އަދި ކެޓަގަރީ 2 އިން ފުލެޓް ލިބުނު ފަރާތްތަކަކީ 112 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތައްކަން އޭސީސީން ފާހަގަކުރެއެވެ،

އެހެންކަމުން މި މައްސަލާގައި ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް ސާބިތުކުރެވޭނެ ވަރަށް ހެކި ލިބިފައިނުވާތީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން މި މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއް ކަމަށް ކަނޑައަޅާފައިވާ ކަމަށް އޭސީސީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޝަރފު

    އަދިވެސް ފެލޭ ތިބެގެން

  2. މަރީ

    ރައީސް ޔާމީނަކީ ކިހާވަރެއްގެ މީހެއްކަން ދަންނަންޖެހޭނެ އެހެންނޫންތޯ ލުތުފީ ، ކިރިޔާވެސް ކޮރޮޕްޝަން އެކްލެވޭ ހިތައް އަރުވާލިއަސް ވާނެގޮތް އެގޭ އެހެންނޫންތޯ

  3. ދެރަސޮރު

    ސުބުޙާނަﷲ، ކީކޭ ބުނާނީދެން. ހައުސިންގ މިނިސްޓްރީގެ ސިޔާސީ 6 ބޭފުޅުންނަށް ފުލެޓް ލިބުނު، އެކަކައްވެސް 100 ޕޮއިންޓް ނުލިބޭ. މިހާރި ބެލިޔަސް އޯކޭ. ޢެއީ 1 އަންހެން ކޯޑިނޭޓަރަކ 5 ފިރިހެނުން. މަގޭކައިރީ ސީދާ ފުލެޓް ލިބުނު އަންހެން މީހާބުނި.

  4. Anonymous

    މިހެން ކިތަންމެ ވަރަކަށް ލިޔުނަސް މިގަބޫލު ކުރާނެ މީހަކު ނެތް. މިއީ ސަރުކާރުގެ ސަޕޯޓް ގެއްލި އިތުބާރު ގެއްލޭ ކަންކަން. ޓްރާންސްޕޭރަންސީ ދުއްވާލާ، ސިއްރުން ފްލެޓް ދިން ފަހަރު. މިހާތަނަށް ހިންގި އެންމެ ބޮޑު ޖަރީމާ. ރ.ޔާމީންގެ ސަޕޯޓް %100 ވެއްޓުނު 704 ފުލެޓްގެ މައްސަލަ މިއީ.

  5. Anonymous

    މީހުންގެ ނަމާއި ލިބުނު ޕޮއިންޓް ފޮރުވާ މެންބަރުންގެ އާއިލާތަކަށް ބަހާލި ފުލެޓްތަކެއްގެ ވާހަކަ ތިދައްކަނީ. މިއީ ސަރުކާރުގެ އެންމެ ބޮޑު ވެއްޓުން. މިހާރު މި އިއުލާނު ކުރި މަޝްރޫޢު ރައީސް ޔާމީން އަމިއްލަފުޅަށް ރިވިއު ކުރައްވާ، މި މަޝްރޫއުގައި، ހައުސިން މިނިސްޓްރީގައި އެތިބަ ސިޔާސީ މީހުން ބޭނުންވާ ބަޔަކަށް ދިނުމަށް ފޯމުގައި ހިމަނާފައިވާ 30 ޕޮއިންޓަކީ ވަރަށް ވިޔާނުދާކަމެއް. މިކަމުގެ ސަބަބުން އެއްވެސް މީހަކަށް ޔަގީން ކަމެއްނެތް އެޕޮއިންޓް ދޭނެކަމެއް. މިކަހަލަ ކަންކަމަކީ، ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތައް.