މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސެސްގެ ބެލުމުގެ ދަށުގައި ތިބި 11 ކުޑަކުއްޖެއް ފުވައްމުލަކު އަމާންވެއްޓަށް ބަދަލުކޮށްފިއެވެ.

ފުވައްމުލަކަށް ޖެންޑާ މިނިސްޓްރީގެ ކުދިންނާއި އެކު ވަނީ ޖެންޑާ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވަޑައިގެންފައެވެ.

މިނިސްޓަރ ވަނީ އަމާންވެއްޓަށް އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ކުދިން ގެނެސްފައި ވަނީ ވަރަށް ތައްޔާރު ވެފައި ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 11 ކުއްޖަކު މިއަދު ވަނީ އަމާންވެއްޓަށް ބަދަލުކޮށްފައި - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

އަމާންވެއްޓަކީ އެއްފަހަރާ 32 ކުދިންނަށް ތިބެވޭނެ ގޮތަށް ގާއިމްކޮށްފައިވާ މަރުކަޒެކެވެ.

ޖެންޑާ މިނިސްޓްރީން ވިދާޅުވީ، މިނިސްޓަރުގެ މި ދަތުރުފުޅަކީ އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުޑަކުދިން އިޖުތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވޭ މަރުކަޒުތަކަށް ކުދިން ބަދަލުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 11 ކުއްޖަކު މިއަދު ވަނީ އަމާންވެއްޓަށް ބަދަލުކޮށްފައި - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މި 11 ކުދިންނާއި މި ވަގުތު ފުވައްމުލައް ސިޓީގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ)ގެ ބެލުމުގެ ދަށުގައިވާ 5 ކުދިންނާއެކު، ޖުމުލަ 16 ކުއްޖަކު މި މަރުކަޒުގައި ދިރިއުޅެމުންދާނެއެވެ.

މީގެ ކުރިން، މި މަހުގެ ހަ ވަނަ ދުވަހު ށ.ފުނަދޫގައި ޤާއިމުކުރެވުނު އަމާން ވެއްޓަށް 16 ކުއްޖަކު ބަދަލުކުރެވިފައިވެއެވެ. އަދި ހުސްވި ޑިސެންބަރު މަހުގެ 24ވަނަ ދުވަހު 17 ކުއްޖަކު ވަނީ ބ.އޭދަފުށީގައި ޤާއިމުކުރެވުނު އަމާން ވެއްޓަށް ބަދަލުކުރެވިފައެވެ.

ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކުޑަކުއްޖަކު ވެސް ޢާއިލީ މާޙައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމުގައިވިޔަސް، ޙާލަތު ނިޔާކުރާގޮތުން އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގެއެވެ. އެހެން ނަމަވެސް، މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއްދެނީ މާލޭ ސަރަޙައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމަޢުގެ ތެރޭގައި ބޮޑުވުމުގެ ފުރުޞަތު ހޯދައިދީ، އެ ފަދަ މާޙައުލެއް ތަނަވަސްކޮށްދިނުމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 11 ކުއްޖަކު މިއަދު ވަނީ އަމާންވެއްޓަށް ބަދަލުކޮށްފައި - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގައި ގިނަ އަދަދެއްގެ ކުދިން ދިރިއުޅެމުންދާއިރު، މި ދެ މަރުކަޒުގައި ކުދިން ގެންގުޅެނީ ދެ އުމުރުފުރާއަކަށް ބަހައިލައިގެންނެވެ. އެ ކަމުގެ ސަބަބުން އެއް ޢާއިލާއަކަށް ނިސްބަތްވާ ބައެއް ކުދިން ދެ މަރުކަޒެއްގައި ދިރިއުޅެންޖެހޭ ޙާލަތު އާދެއެވެ. އަތޮޅު ތެރޭގައި ޤާއިމުކުރެވޭ މި ފަދަ އަމާން ވެށިތަކުގައި ކުދިން ބޮޑެތިވެގެންދާނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ އެ ކުދިންގެ ޢާއިލާގެ އެހެން ކުދިންނާއެކުގައެވެ. އަދި އެ ކުދިން ހުންނާނީ ރަށުގެ އެހެނިހެން ޢާއިލާތަކާ ވެސް ގުޅުވާ ދެވިފައެވެ.

އަމާން ވެށިތަކުގައި ދިރިއުޅޭނީ ކަނޑައެޅޭ ވަކި އަދަދެއްގެ ކުދިންނެވެ. އެ ކަމުގެ ސަބަބުން އެ ކުދިންނަށް ބޭނުންވާ ޚާއްޞަ އަޅައިލުމާއި، ބޭނުންވާ ތަރުބިއްޔަތު ފުރިހަމަ ގޮތުގައި ދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން ކޮންމެ ކުއްޖެއްގެ ވެސް ބޭނުންތައް ފުރިހަމައަށް ދެނެގަނެވިގެންދާނެއެވެ. އަދި މުޖުތަމައުގެ ތެރޭގައި އެ ކުދިން ބޮޑެތިވުމުގެ ފުރުސަތު ލިބިގެން ދިޔުމުން، މުސްތަގުބަލުގައި އެކި ޕްރޮގްރާމްތަކާއި ހުނަރުތަކުގެ އެހީގައި އެ ކުދިން ވަޒީފާގެ މާޙައުލަށާއި ޢާންމު ދިރިއުޅުމަށް ނުކުތުމަށް މަގުފަހިވެގެންދާނެއެވެ.
ފުވައްމުލައް ސިޓީއާއި ށ.ފުނަދޫއާއި ބ.އޭދަފުށީގެ އިތުރުން ރާއްޖޭގެ އިތުރު ދެ ސަރަޙައްދެއްގައި އަމާން ވެށިތައް އަންނަނީ ތަރައްގީ ކުރަމުންނެވެ.