ކޮވިޑް-19ގެ ޙާލަތުގައި ދިވެހިންނަށް ޢުމްރާއަށް ދެވޭނެ ހާއްސަ އުސޫލެއް ސައުދީ އަރަބިއްޔާއިން ކަނޑައަޅައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ކޮވިޑް-19ގެ ހާއްސަ ހާލަތާއި ގުޅިގެން ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރަށް އެޅުނު ހުރަސްތަކާއި، ސައޫދީ އަރަބިއްޔާ އަދި އެހެނިހެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން ދިވެހިންނަށް އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ސައޫދީ ފޮރިން މިނިސްޓަރާއި އަދި ސައޫދީ ސަރުކާރާއެކު މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ.

ކޮވިޑް-19ގެ ހާލަތުގައި ރާއްޖޭގެ ރައްޔިތުން އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލެއް ވަނީ ކަނޑައަޅާފައި ވެއެވެ.

އެގޮތުން އުމްރާގެ އަޅުކަން އަދާކުރުމަށް އޮންނަ އުސޫލުތަކާއި އެއްގޮތަށް، މުގައްދަސް ދެ ހަރަމުން ކުރެ ހަރަމަށް އުމްރާގެ އަޅުކަމަށް ނުވަތަ ޒިޔާރަތަކަށްވެސް، ދިޔުމުގެ ކުރިން ރިޒަވޭޝަން ހެއްދުން. (ކުރިންވެސް އަމަލުކުރަމުން އަންނަ އުސޫލުން އުމްރާ ގްރޫޕް/ޓްރެވަލް އެޖެންޓް މެދުވެރިކޮށް)
• ދިވެހިރާއްޖޭގައި ހުއްދަ ދެވިފައިވާ ލެބޯޓަރީއަކުން ހައްދާފައިވާ، ސަޢުދީ ޢަރަބިއްޔާއަށް ފުރުމުގެ ކުރިން 72 ގަޑިއިރު ހަމަނުވާ ކޮވިޑް-19 އަށް ނައްސި ޓެސްޓް ސެޓިފިކެޓެއް އޮތުން.
• އުމްރާގެ އަޅުކަން އަދާކުރާ ފަރާތަށް ހުއްދަދީފައިވާ ދަތުރުގެ ޕްރޮގްރާމާ އެއްގޮތްވާ އެއާލައިން ރިޒަވޭޝަނެއް އޮތުން.
• ސައުދީ އަރަބިއްޔާއަށް އެތެރެވުމަށްފަހު، ޢުމްރާގެ އަޅުކަން އަދާކުރާ ފަރާތެއް ހުންނަން ހަމަޖެހިފައިވާ ހޮޓަލުގައި ތިން ދުވަހަށް ކަރަންޓީނުވުން.
• ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތުގެ ގަވާއިދުގައިވާގޮތުން އުމްރާގެ އަޅުކަން އަދާކުރުމަށް މި ހާއްސަ ހާލަތުގައި ހުއްދަ ދެވޭނީ އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ ފަރާތްތަކަށް.
• އުމްރާގެ އަޅުކަން އަދާކުރުމަށް ޒިޔާރަތްކުރާ ފަރާތްތަކުން، ސައުދީ އަރަބިއްޔާއަށް އެތެރެވާ ވަގުތުން ފަށައިގެން އެނބުރި ޤައުމަށް ދެވެންދެން، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލު ކުރުމުގައި ޙާއްސަ ސަމާލުކަމެއް ދިނުން.