ސިވިލް ކޯޓު

މާދަމާ އިން ފެށިގެން ސިވިލް ކޯޓު ރިސެސް އަށް ދިޔުމަށް ނިންމައިފިއެވެ.

ސިވިލް ކޯޓުން ވިދާޅުވީ އެ ކޯޓުގެ ޤާޟީންގެ ޢާންމު މަޖިލީހުން 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހު ނިންމާފައިވާ ގޮތުގެ މަތިން ސިވިލް ކޯޓުގެ ރިސެސްގެ ދުވަސްތަކަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ ފުރަތަމަ 10 (ދިހައެއް) ދުވަހާއި، އަހަރުގެ ފަހުކޮޅުން ޑިސެމްބަރ މަހުގެ ފުރަތަމަ 20 (ވިހި) ދުވަސް ކަމަށެވެ.

އެހެންކަމުން މާދަމާ އިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެއީ ސިވިލް ކޯޓުގެ ރިސެސްގެ ދުވަސްތައް ކަމަށް އެ ކޯޓުން ހާމަކުރެއެވެ.

ސިވިލް ކޯޓުގެ ރިސެސް މުއްދަތުގައި، ޢާންމުކޮށް މައްސަލަތައް ހިންގުމެއް ނޯންނާނެއެވެ. ޢާންމުގޮތެއްގައި ހިނގަމުންދާނީ ސިވިލް ކޯޓަށް މައްސަލަ ބަލައިގަތުމާއި ކޯޓުގެ އިދާރީ ޚިދުމަތްތަކާބެހޭ އެންމެހައި މަސައްކަތްތައް ރިސެސްގެ މުއްދަތުގެ ދުވަސްތައް ނޫން ދުވަސްތަކާއި އެއްގޮތަށެވެ.

އަދި މައްސަލަތަކުގެ ތެރެއިން، ވަގުތީ އަމުރުތަކާއި ކޮންމެހެން ނިންމަންޖެހޭ މައްސަލަތައް މައްސަލަ ބައްލަވާ ޤާޟީއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން ކުރިއަށްދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު