ހއ.އަތޮޅު އިންނަފިނޮޅު ފަރަށް މިއަދު އެރުމާއި އެކު އަންދާލި ބޯޓުން އެތައް ސަތޭކަ ކިލޯއެއްގެ މަސްތުވާތަކެތި ފެނިއްޖެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އިހަވަންދޫ އިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ފަރަށް އެރުމުން އަންދާލި ބޯޓުން ފެނުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން މިއަދު އިހަވަންދޫ އަށް ގެނައި މަންޒަރު ފެނުނު ކަމަށެވެ.
އޭނާ ބުނީ އިހަވަންދޫ އަށް ގެނައި ބައެއް ތަކެތި ހުރީ ގޯނިތަކެއްގައި ކަމަށާއި އަނެއްބައި ތަކެތި ހުރީ ކޮތަޅުތަކެއްގައި ކަމަށެވެ.
"ދެވެހިކަލް ފުރާ އެއްޗެހި ފުލުހުން ޕޮލިސް ސްޓޭޝަނަށް ގެންދިޔަ. އެތަކެތި ފުލުހުންގެ ލޯންޗުން ބޭލިއިރު ފުލުހުން ތިބީ އަންގި ލައިގެން މޫނުގައި މާސްކް ވެސް އަޅައިގެން." އިހަވަންދޫ އިން މައުލޫމާތު ދިން މީހާ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަންދާލި ބޯޓުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ހުރިކަމުގެ ނިޝާންތަކެއް ފެންނާތީ ފުލުހުން ދަނީ ބޯޓު ބަލައިފާސްކުރަމުން ކަމަށާއި އިތުރު މައުލޫމާތެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.
މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ކިތައް ކިލޯގެ މަސްތުވާތަކެތިކަން ފުލުހުން ކަށަވަރު ކޮށެއް ނުދެއެވެ. ނަަމަވެސް މަައުލޫމާތު އެނގޭ މީހަކު "ވަގުތު" އަށް ކަށަވަރު ކޮށްދިން ގޮތުގައި މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްތުވާތަކެތީގައި އެތައް ސަތޭކަ ކިލޯއެއް ހުންނާނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިންނަފިނޮޅު ފަރަށް އެރީ އީރާންގެ ބޯޓެކެވެ. އެބޯޓް ފަރަށް އެރިއިރު ބޯޓުގައި އަށް މީހުން ތިއްބެވެ. ބޯޓު ފަރަށް އަރައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމުން ސިފައިން އެސަރަހައްދަށް ދަތުރު ކުރަމުން ދަނިކޮށް ބޯޓުގައި ތިބި މީހުން ވަނީ ބޯޓުގައި އަލިފާން ރޯކޮށްލުމަށް ފަހު ބޯޓުން ފުންމާލާފައެވެ. ނަމަވެސް ބޯޓު އެއްކޮށް އަނދައިގެން ނުދާކަމަށް ވެއެވެ.
އިންތިޚާބައް އެތިކޮޅެއް އެތެރެކޮއްލީ އުތަ.
އިންތިހާބު އަޑި އަޅާލީ. ކުރާނެ ކަމެއްނެތް.
ކަނޑު ވިއްކި ބޭނުން މިހިރަ ފެންނަނީ