ގއ. ދެއްވަދޫ އިހާގައި (ކްލަސްޓާ) ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 83 އަށް އަރައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތަނުގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ދެއްވަދޫ އިން އަދި ހޮނިހިރު ދުވަހު ގއ. ދާންދޫން އެކަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ. އަދި އިއްޔެ ދެއްވަދޫ އިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވި ކަމަށް އޭނާ ވިދާޅުވިއެވެ.

"މުޅި މި ކްލަސްޓާ އިން މިހާތަނަށް ޖުމްލަ 83 މީހަކު ވަނީ ޕޮޒިޓިވްވެފައި،" ނަޒްލާ ވިދާޅުވިއެވެ.

ދެއްވަދޫގައި ކޮވިޑް-19 ފެތުރިފައި އޮތް ކަން އެނގުނީ މިދިޔަ މަހު 24 ގައި ހަ މީހަކު ފައްސިވި ފަހުންނެވެ. ދެއްވަދޫގެ ބޮޑު އިހާގައި ހައި ރިސްކު 100 އަށް ވުރެ ގިނަ މީހުން ހިމެނޭ ކަމަށް އެޗްއީއޯސީން ދާދި ފަހުން ވަނީ ހާމަކޮށްފައެވެ.

އެ އިހާ އިން މިހާތަނަށް 400 އަށް ވުރެ ގިނަ ކޮންޓެކްޓުން ވަނީ ފެނިފައެވެ. އަދި 14،000 އަށް ވުރެ ގިނަ ސުންކު ވަނީ ނަގައިފައެވެ.

ދެއްވަދޫގައި އާއްމު ހަރަކާތްތަކާއި ކަންކަން މި ވަގުތު ހުއްޓި، ރަށް އޮތީ ހަމަހިމޭން ކަމެއްގެ ތެރޭގައެވެ.

ދެއްވަދޫ ވޭދަނަތަކާ ގުޅިިގެން ގއ. އަތޮޅުގެ ބައެއް ރަށްތަކުގައި ބަލީގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. އެގޮތުން މިހާތަނަށް ގިނަ ބަޔަކު ބައްޔަށް ވަނީ ފައްސިވެފައެވެ. މި ވޭދަނަތައް ފެނިފައިވާ ރަށްތަކުގެ ތެރޭގައި، ދެއްވަދޫ، ގއ. ވިލިނގިލި އަދި ދާންދޫ ހިމެނެއެވެ. މީގެ އިތުރުން، މި އިހާއާ ގުޅޭ މީހަކު ހުޅުމާލެއިންވެސް ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަީ

    ކަރުތެރެ ތެންމާލާ އަތްދޮވެލައިގެން އުޅުނީމަ ނިމުނީ