ގއ. ދެއްވަދޫ އިހާގެ (ކްލަސްޓާ) ތެރެއިން ކޮވިޑް-19 އަށް ފައްސިވި ބަޔަކާ ބައްދަލުވެގެން ލ. ފޮނަދޫ އިން ކަރަންޓީން ކުރި 54 މީހުން ވެސް ކޮވިޑް-19 އަށް ނައްސިވެފައިވާ ކަމަށް ފޮނަދޫ ހެލްތު ސެންޓަރުން މިއަދު ވިދާޅުވެއްޖެއެވެ.

ފޮނަދޫ ހެލްތު ސެންޓަރުން މިއަދު ވިދާޅުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ދެއްވަދޫ އިން ފޮނަދު އަށް އައި ހަތަރު މީހަކު ފައްސިވުމާ ގުޅިގެން ކަރަންޓީން ކުރި 54 ހަތަރު މީހުންނަކީ އެ ހަތަރު މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި މީހުން ކަމަށެވެ. އެ މީހުންގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށް ފަހު ނެގި ހުރިހާ ސުންކުތަކެއް ނައްސިވެފައިވާ ކަމަށް ވެސް ހެލްތު ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

"މި މުއްދަތުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ،" ހެލްތު ސެންޓަރުން ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ހަތަރު މީހަކު ފައްސި ވުމާ ގުޅިގެން، ޖެނުއަރީ 9 ވަަނަ ދުވަހު، ފޮނަދޫއާއި އެރަށާއި އިންވެގެން އޮންނަ ގަން ވަނީ މޮނިޓަރިންއަށް ލައިފައެވެ. އަދި ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު ޖެނުއަރީ 15 ވަަނަ ދުވަހު މި ދެ ރަށް ވަނީ މޮނިޓަރިންގެ ހާލަތުން ނަގައިފައެވެ.

ދެއްވަދޫ އިހާގައި ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 83 އަށް އަރައިފައެވެ. ދެއްވަދޫގެ ބޮޑު އިހާގައި ހައި ރިސްކު 100 އަށް ވުރެ ގިނަ މީހުން ހިމެނޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އުން ދާދި ފަހުން ވަނީ ހާމަކޮށްފައެވެ. އެ އިހާ އިން މިހާތަނަށް 400 އަށް ވުރެ ގިނަ ކޮންޓެކްޓުން ވަނީ ފެނިފައެވެ. އަދި 14،000 އަށް ވުރެ ގިނަ ސުންކު ވަނީ ނަގައިފައެވެ.

ދެއްވަދޫ ވޭދަނަތަކާ ގުޅިިގެން ގއ. އަތޮޅުގެ ބައެއް ރަށްތަކުގައި ބަލީގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. އެގޮތުން މިހާތަނަށް ގިނަ ބަޔަކު ބައްޔަށް ވަނީ ފައްސިވެފައެވެ. މި ވޭދަނަތައް ފެނިފައިވާ ރަށްތަކުގެ ތެރޭގައި، ދެއްވަދޫ، ގއ. ވިލިނގިލި އަދި ދާންދޫ ހިމެނެއެވެ. މީގެ އިތުރުން، މި އިހާއާ ގުޅޭ މީހަކު ހުޅުމާލެއިންވެސް ފައްސިވެފައި ވެއެވެ.