ފުލުހުންގެ ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ސްޕެޝިއަލް ކޮންސްޓެބުލަރީގެ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ހަތަރަކާ ހަމައަށެވެ. މި ވަޒީފާއަށް އެދި ހުށަހަޅާ މީހުންގެ ތެރެއިން ހޮވޭ މީހުން މަސައްކަތް ކުރަން ޖެހޭނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައެވެ.
ވަޒީފާއަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 10 ނިންމާފައިވާ ފަރާތަކަށްވުމާއި މީލާދީ ގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށްވުމާއި ފިރިހެނެއް ނަމަ އިސްކޮޅު ފަސް ފޫޓު، ތިން އިންޗި އަށްވުރެ ކުރުނުވުމާއި އަންހެނެއް ނަމަ އިސްކޮޅު ފަސް ފޫޓަށްވުރެ ކުރު ނުވުން ހިމެނެއެވެ.
މީގެއިތުރުން އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުން ކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމަކީ ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ނުވުމާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކު ކަމުގައިވާ މީހެއް ނަމަ، ފުލުހުންގެ ވަޒީފާ ހަމަޖެހުމުން އެ ޕާޓީއެއްގެ ރަޖިސްޓްރީ އިން އުނިވާން ޖެހޭނެ ކަމަށް ޝަރުތުތަކުގެ ތެރޭގައިވެއެވެ. އަދި ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއް ކަމުގައި ވާން ޖެހޭނެއެވެ.
ފުލުހުންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބެލެވޭނެ ކަންކަމުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށްދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުމުގެ އިތުރުން މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަނާއި ކުރެވޭ އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާންޖެހޭނެކަމަށް ފުލުހުން ވިދާޅުވެއެވެ.
މިއީ އަސްލު ޕޮލިހެއް ނޫންދޯ ؟ ޕޮލިހުން ގެންގުޅޭ ވަކި ސެކިއުރިޓީ ކުންފުންޏެއް! ޤާނޫނީގޮތުން މިކަން ކުރެވިދާނެބާ ؟ ހަމަ ސުވާލެއް.. މިކަންކަން ސާފުކޮށްދެއްވުން އެދެން.. އިސްތިހާރު ތޮޔަގޮތަށް ނެރުނީމާ ކުދިން ހީކުރާނީ އަސްލު ޕޮލިސްފޯސްކަމަށް..
ޔޯން!