ޝީ ބިލްޑިންގައި މިދިޔަ މަހު ބޭއްވި ކައިވެނި ޕާޓީއަކުން އުފެދުނު ކޮވިޑް-19ގެ އިހާގެ ތަފާސް ހިސާބުތައް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން އިސްލާހުކޮށް، އެ އިހާގައި ހިމެނޭ މީހަކު ނިޔާ ނުވާ ކަމަށް ބުނެފިއެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް 14،993 މީހުން ކޮވިޑް-19 އަށް ފައްސިވި އިރު، މި ބަލީގައި ނިޔާވެފައި ވަނީ 51 މީހުންނެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 13،849 މީހުން ވަނީ ރަނގަޅުވެފައެވެ. ހާހަކަށް ވުރެ ގިނަ މީހުންނަށް މިހާރު ވެސް ދަނީ ފަރުވާދެމުންނެވެ. ކޮވިޑް-19 ބަލި ޖެހުނު މީހުންގެ ތެރެއިން 80 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށްވެއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި ކައިވެނި ޕާޓީއާ އެކުގައި އުފެދުނު އިހާއާ ގުޅޭ ގޮތުން އެޗްޕީއޭގެ ޑޭޝްބޯޑުގައި އިއްޔެ އޮތީ ކައިވެނި ޕާޓީގެ އިހާ އިން 103 މީހަކު ފައްސިވެ، އެކަކު ނިޔާވެފައިވާ ކަމަށެވެ. އެއީ 60 އަހަރުގެ ފިރިހެނެއް ކަމަށް ބުނެފައިވެއެވެ.

އެކަމަކު، އެއަށް އިސްލާހު ގެނެސް، މިހާރު އޮތީ އެ އިހާގައި ހިމެނޭ 102 މީހަކު ފައްސިވެފައިވާ ކަމަށެވެ. އަދި އިހާގައި ހިމެނޭ އެއްވެސް މީހަކު ބަލި ޖެހިގެން ނިޔާވެފައި ނުވާ ކަމަށް އެޗްޕީއޭ އިން އިސްލާހު ކުރި ޑޭޝްބޯޑުން ދައްކައެވެ.

ކައިވެނި ޕާޓީއަށް 120 މީހަކު ދިޔަ ކަމަށް ބެލެވިފައި ވިޔަސް ކޮވިޑް-19 އެންމެންނަކީ ޕާޓީއަށް ދިޔަ މީހުންނެއް ނޫނެވެ. މި ކައިވެނި ޕާޓީ އިހާ އެހާ ބޮޑުވީ، ޕާޓީން ބަލި ޖެހުނު މީހުންނާއި އެ މީހުންނާ ކޮންޓެކްޓުވި، ޕާޓީ އަށް ނުދާ މީހުންގެ ފަރާތުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ކައިވެނި އިހާގައި ފައްސިވި މީހުންގެ ތެރެއިން 89 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ރަނގަޅު ނުވެ ތިބީ 13 މީހެކެވެ.

ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއިހަލުން ފައްސިވި މީހުންގެ ތެރޭގައި އުމުރުން ވަރަށް ދޮށީ މީހުންނާއި އުމުރުން ވަރަށް ހަގު ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ. އޭގެތެރޭގައި ދެތިން އަހަރުގެ ކުދިން ވެސް ހިމެނެއެވެ. އެ ޕާޓީއާ ގުޅިގެން ފައްސިވެފައިވާ މީހުންގެ ތެރޭގައި ޕާޓީއަށް ދިޔަ މީހުންގެ އާއިލާ މެންބަރުން ވެސް ހިމެނެއެވެ.

ރާއްޖެ އިން މި ބައްޔަށް ގިނަ އިން ފައްސިވެފައި ވަނީ އުމުރުން 21 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު