ޓެކްސީ ޑްރައިވަރު ގާސިމް ހަސަނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ޅ.ހިންނަވަރު ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް އަދުހަމް އަނެއްކާ ވެސް އިއުތިރާފްވެއްޖެއެވެ.

ޑިސެމްބަރު 4، 2019 ގައި ގާސިމް މަރާލީ ޓެކްސީ ދަތުރެއް ކޮށްދެނިކޮށް ހުޅުމާލޭގައި އޭނާއަށް ދިން ހަމަލާއެއްގައެވެ. އެއީ އެ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި މައްސަލައިގައި އަދުހަމް ހައްޔަރު ކޮށްފައި ވަނީ އޭގެ 15 ދުވަސް ފަހުން ޑިސެމްބަރު 15، 2019 ގައެވެ.

ތަހުގީގު މަރުހަލާގައި އަދުހަމް ވަނީ ކުށަށް އިއުތިރާފް ވެސް ވެފައެވެ. އަދި މައްސަލައިގެ ތަހުގީގު އަވަސްކޮށް އަވަސް ނިޔާގެ އެއްބަސްވުމެއް ދައުލަތާ އެކު އެކުލަވާލަން ވެސް އެއްބަސްވިއެވެ. އެކަމަކު ފަހުން ކުށަށް އިންކާރު ކުރިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ޝަރީއަތުގައި މިއަދު ބޭއްވި އަޑުއެހުމުގައި އަދުހަމްގެ ގާނޫނީ ވަކީލު ވިދާޅުވީ އަދުހަމް މިހާރު ބޭނުން ވަނީ ކުރިން ދައުލަތާއެކު ގާއިމް ކުރި ކުށުގެ އިއުތިރާފް އެއްބަސްވުމާއެކު ކުރިއަށް ދިއުމަށް ކަމަށެވެ. އަދި އަދަބު ލުއިވާނެ ގޮތެއް ހަމަޖައްސަން ކަމަށް އޭނާގެ ގާނޫނީ ވަކީލް ވިދާޅުވިއެވެ.

އަދުހަމްގެ ގާނޫނީ ވަކީލުގެ ފަރާތުން މި ގޮތަށް ފާހަގަކުރުމުން މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ރަޝީދު ވިދާޅުވީ ދައުލަތާއެކު އަދުހަމް ގާއިމް ކުރި އެއްބަސްވުން އަނބުރާ ގެންގޮސް ކުށަށް އިންކާރުކޮށްފައިވާތީ އެއީ މިހާރު ވުޖޫދުގައި އޮތް އެއްބަސްވުމެއް ގޮތުގައި ބެލެވެން ނެތް ކަމަށެވެ.

އެއަށް ފަހު ދެ ފަރާތަށް ހެކި ހުށަހަޅަން ފުރުސަތު ދިނުމުން ދައުލަތުގެ ފަރާތުން ވަނީ އަދުހަމްގެ މައްޗަށް ކުށް ސާބިތުކުރުމަށް ހެކިތަކެއް ހުށަހަޅައިފައެވެ. އެކަމަކު އަދުހަމްގެ ފަރާތުން ދިފާއުގައި އެއްވެސް ހެއްކެއް ހުށަނާޅައެވެ.

މި މައްސަލައިގައި ދެން އޮންނާނީ ހެކި ނެގުމަށް ކުރިއަށްދާނެ އަޑުއެހުންތައް ފާހަގަކުރައްވައި، ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހުގައި ކަމަށް އިއުލާން ކުރެއްވުމަށް ފަހު މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވިއެވެ.

ގާސިމްއަކީ އދ. މާމިގިއްޔަށް އުފަން މީހެކެެވެ. ޑްރައިވަރު ގާސިމް ނިޔާވިއިރު އުމުރުން 59 އަހަރެވެ. އޭރު އަނބިމީހާއާއި ފަސް ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. އެއީ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ.

ގާސިމް މަރާލި ކަމަށް ތުހުމަތު ކުރާ އަދުހަމަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި ފޭރުމާއި ވައްކަމުގެ ރެކޯޑު އޮތް މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮވިޑް

    " އަވަސް ނިޔާގެ އެއްބަސްވުމެއް ދައުލަތާ އެކު އެކުލަވާލަން ވެސް އެއްބަސްވިއެވެ." މިހެން ދޯ ވާނީ އަދީބް އާއި ޒިޔަތައްވެސް މިކަހަލަގެ އެއްބަސް ވުން ތައް އެއްބަސް ވީމަ!މީހަކު މަރާލާފަ ވެސް ދައުލަތުން ބޭނުންވާ ކަމަކަށް އެއްބަސް ވީމަ ނިމުނީ...... ރައްޔަތުންގެ ފައިސާތައް ކާލީމަ ހިތްނިޔަތް ރަންގަޅުވީމަ ނިމުނީ. ވަޓް އިސް ދިސް؟

    45
  2. އާދަމް

    ސަދޫމް

    39
  3. ބަކަރި

    މަރަށް މަރު ބޭނުންވާ ކަމަށް ގަބޫލުކުރަން.... މަގޭ އަތުން ޓެކްސް ނަގައިގެން މިކަަހަލަ ޖަނަވާރުނަށް ކާންދިނުމާ މަވެސް ދެކޮޅު

    28
  4. ..

    އަދަބު ލުއިވާނެ ގޮތެއް ހަމަޖައްސަންއޭ ލޮލް ބްރޯ ކަލޭ ކުށުއްނެތް ފުރާނައެކޭ ތި ދުއްވާލީ ތިކަހަލަ މީހުންނަށް އަދަބެއް ލުއިއެއް ނުކުރެވޭނެ ހަމަ މަރަށް މަރު އޮންނާނީ އެއީ މާ މަތިން ބާއްވާލާފަވާ ޙުކުމްއެއް

    36
  5. ޖުމައިލް

    މިމައްސަލައެއް ދުވަހަކުވެސް ނުނިމޭނެ.ކައުންސިލް އިންތިހާބާއި ދިމާކޮށް އަނެއްކާވެސް މައްސަލަ ތިލަކޮށްގެން މިއުޅެނީ.

    22
  6. އައްޑޫ ލެއި

    އޭނާ މިނިވަން ކޮށްފީއްޔާ ރައްޔިތުން ނިކުމެ އަމިއްލަޔަށް ޝަރީއްޔައްކޮށްފަ ހައްޤް އަދަބު ދިނީމަ ރަނގަޅުވާނެ