މިއަހަރު ރެކޯޑް އަދަދަކަށް އަންހެން ސިފައިން މަގާމުގެ ކުރިއެރުން ހާސިލްކުރައްވާފައިވާތީ، އެހުރިހާ ކަނބަލުންނަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މި ސިފައިންނަށް މަރުހަބާ ވިދާޅުވެފައި ވަނީ އަލަށް ކޮމިޝަންވި ސިފައިންނާއި މަޤާމުގެ ކުރިއެރުން ޙާސިލްކުރި އޮފިސަރުންނަށް ލިޔުން ހަވާލުކޮށްދެއްވުމަށް މިއަދު ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރަކީ މިންތީގެ ހަމަހަމަކަން ގެންނެވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާ ސަރުކާރެއް ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު މަގުމުގެ ކުރިއެރުން ލިބުނު އޮފިސަރުންގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަގާމް ހާސިލް ކުރެއްވި ތިން އަންހެން ބޭކަނބަލުން ހިމެނިވަޑައިގަންނަވާތީ އެކަމާ ނުހަނު އުފާކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސިފައިންަނަށް ކުރިއެރުން ދިނުމަށް ބޭެއްވި ރަސްމިއްޔާތުގައި މިނިސްޓާރ ވާހަކަދައްކަވަނީ -ފޮޓޯ: ރައީސް އޮފީސް

އެތިން ބޭކަލުންނަކީ ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީން އާއި ލެފްޓިނެންޓް ކާނަލް ޑރ. ފާތިމަތު ތަޙްސީނާ އިބްރާހީމް އަދި ލެފްޓިނެންޓް ކާނަލް ޑރ. އައިމިނަތު ޝުމްރާ އެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، މިއަދު ދިފާއީ މުއައްސަސާގެ ކޮންމެ ޕްރޮމޯޝަނެއް، ކޮންމެ މެޑައްޔެއް، ކޮންމެ ކުލައެއް އަދި ކޮންމެ ޝަރަފަކީ، އެކަމަށް އޮންނަ އުސޫލުގެ ތެރެއިން ސިފައިން ހާސިލްކުރާ އެއްޗެއް ކަމަށެވެ. އަދި މިއީ، އެއްގޮތަކަށްވެސް މިނިސްޓަރުގެ ހެޔޮފުޅުކަމުން، ނުވަތަ ވަކި އަތޮޅަކަށް، ރަށަކަށް، ފިކުރަކަށް ނުވަތަ އާއިލާއަކަށް ނިސްބަތްވާތީ، ދޭ ހަދިޔާއެއް އަދި އިނާމެއް ނޫން ކަމަށް ވެސް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

"އެއީ، ތިޔަ އޮފިސަރުންގެ މައިންބަފައިން ތިޔަ ބޭފުޅުންނަށް ދެއްވި ފުރިހަމަ ތަރުބިއްޔަތާއި އަޚްލާޤީ ހަމަތަކުގެ ބިންގަލުން ނުކުންނަ ނަތީޖާ. އެއީ، ތިޔަ އޮފިސަރުންގެ އަނބިދަރިންނާއި އާއިލާގެ މެންބަރުންނާއި ގާތް އެކުވެރިން ތިޔަ ބޭފުޅުންނަށް ދޭ ލޯތްބާއި ހިތްވަރުން ނުކުންނަ ނަތީޖާ. އަދި އެއީ، ތިޔަ އޮފިސަރުންގެ މައްޗަށް ތިއްބަވާ ކޮމާންޑަރުންނާއި މުދައްރިބުންނާއި މުދައްރިސުން ދެއްވާ އިރުޝާދުގެ ނަތީޖާ. މިއަދު، ތިޔަ އޮފިސަރުން ހޯއްދަވާ ޕްރޮމޯޝަނަކީ، ތިޔަ ސިފައިންނަށް ޙައްޤު އެއްޗެއްކަން، މުޅި މި މުއައްސަސާ ހެކިވާނެ." މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާރީޔޯ ދައްތަ

    އަނެއް ސަރުކާރު ގައި އަންހެން ސިފައިން ތިބީ ޕޮރޮމޯޝަނުން މަހުރޫމް ވެފައި

    13
    88
  2. އޮފިސަރު

    ތި އެތި އަޅުވައިދޭނެ އަންހެން މީހަކު ތި ސިފައިންގޭގަ ނެތީ؟؟؟؟

    58
    4
  3. ޙަސަނު

    އަހަރުމެންގެ އުމުރުން 18އަހަރު ވީއިރު މަގުމަތިންވެސް ސިފައިންގެ މަތީމީހަކު ފެންނާނީ މަދު ފަަރަކު ، އޭރު ބިރުވެސް ގަނޭ އެމީހުން ފެނުނީމަ، ފަށާ ތަރި ގިނަކަމުން ، އެކަަމަކު މިހާރު މުޅިންވެސް ފެންނަނީ ހުސް އޮފްސަރުން.

    19
    1
  4. އެމަންޖެ

    ތިއޮތީ ހަމަ ރަނގަޅައްވެސް ވަކި ކޮޅަކައް ޖެހެވިފަ ރެކޯޑް އަދަދެކޯ.

    24
    2
  5. ހޯދާ

    އޮންނަ އުސޫލްންނޭ ބުނާތީ ލަދު ގަނޭ.
    އުސޫލުން ޕްރޮމޯޝަން ދިން މީހުންނަށްވުރެ، އުސޫލުން ބޭރުން ދިން މީހުން ގިނަކަން ފާހަގަ ކޮށްލަން ބޭނުން.

    6
    2