ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަވަސް ކުރަން ގޮވާލައި އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއިން، ހައްޔަރު ކުރި އެންމެން ދޫކޮށްލައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށާއި ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރަން ގޮވާލާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ސީދާ ހަރަކާތަށް ނުކުތުމަށް ނިންމައި ގަރާރެއް ފާސްކޮށްފައެވެ.

އެ ގަރާރާ އެއްގޮތަށް އިއްޔެގެ އެއްވުމުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންނާ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއެވެ. އެމީހުން ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރިމަތީގައި ވެސް މުޒާހަރާކޮށްފައެވެ. އަދި މުޒާހަރާ ފުލުހުން ރޫޅާލައި، ވިއްސަކަށް މީހުން ހައްޔަރު ކުރިއެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއާއި ކައުންސިލް މެމްބަރުންގެ އިތުރުން ޕާޓީގެ ސަޕޯޓަރުންނާއެކު 24 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. އެކަމަކު ފުލުހުން ވިދާޅުވީ މުޒާހަރާ އިން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ތިބީ 21 މީހުން ކަމަށެވެ. އެ އެންމެން ވެސް ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލައިފައެވެ.

ފުލުހުންގެ ބަންދުން ދޫކޮށްލުމާ އެކު އަތޮޅުވެހި ކައިރީގައި ޗެނަލް13އާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މުޒާހަރާއަށް ނުކުތުމުން ހައްޔަރުކުރީ ބިރު ދައްކަން ކަމަށާއި ގާނޫނާ ހިލާފު އެއްވެސް ކަމެއް މުޒާހަރާގެ ބައިވެރިން ހިންގާފައި ނުވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ޖަލަށްލައިގެން ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮކި

    ސީދާ ހަރަކާތް ފެށިއްޖެ ! 24 މީހުން ނުކުތީ . 24 ހައްޔަރުކުރީ ! ހަރަކާތް ހުއްޓުނީ...

    1
    4
  2. ނަައީމް

    ކޮވިޑުގެ ނާޖާއިޒުފައިދާ ސަރުކާރުން ހިތުހުރިގޮތަކަށް ނަގަމުންގޮސް ސީދާރައްޔިތުންނާ ގުޅުންހުރި ކަންކަމުގާވެސް ސަތުކާރުބޭނުންވާގޮތް ހަދަމުންދާތީ މިހާރުންމިހާރައް މިހިދުންމިހިދައް ކައުންސިލްއިންތިހާބު އެބަ ބާއްވަންޖެހޭ ރައްޔިތުންނޭ ވިސްނާލަބަލަ ރައްޔިތުންގެ ހައްގުނިގުޅާ ސަރުކާރުބޭނުންވާގޮތައް ދިގުދައްމާލި ކައުންސިލު މިވޭތުވެދިޔަ ދުވަސްތަކުގާ ރައްޔިތުންގެ ބަޖެޓްހުސްކުރުން ނޫންކަމެއްނުކުރޭ ކުޅިވަރާ މަޖާ ރައްސާފުކުރާށޭ ކިޔާފަ ބޮޑެތި އަދަދުތައް ފާސްކޮއްފާ ކޮފީއާއި ސިގިރެޓް ބޮނީ ތިމާމެން ބޭނުންވާ ފިހާރަޔަކުން ގަންނަނީވެސް ،،،،މީ އަދުގެހާލު