ހައިސްޕީޑް ފެރީ އުޅަނދު ތައްޔާޜުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

ހައި ސްޕީޑް ފެރީގެ ނިޒާމު ގާއިމު ކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލު ކުރުމާ ގުޅިގެން އެ ކުންފުނިން މިހާރު އަންނަނީ ރާއްޖެ އަށް ހައި ސްޕީޑް ފެރީގެ ނިޒާމެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެމްޓީސީސީ އިން ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ އެ ހިދުމަތް ފަށާ ޒޯން އެކެއްގެ ތެރޭގައި ދުއްވުމަށް 17 އުޅަނދެއް ބޭނުންވާ ކަމަށެވެ. އެއިން ކޮންމެ އުޅަނދެއްގައި 50 މީހުންގެ ޖާގަ ހުންނަން ޖެހޭނެ ކަމަށާއި އަދި ހަތަރު ފަޅުވެރިންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް ހާއްސަ ދެ ފުރޮޅުލީ ގޮނޑި ބެހއްޓުން މުހިންމު ކަމަށް އެމްޓީސީސީ އިން ވަނީ ވިދާޅުވެފައެވެ.

މި 50 ފަސިންޖަރުންގެ ތެރެއިން ކޮންމެ މީހަކަށް 20 ކިލޯގެ ލަގެޖު އުފުލޭނެ ގޮތް ވެސް އެ ފެރީތަކުގައި އިންތިޒާމް ކުރެވިފައި ހުންނަން ޖެހޭނެ ކަމަށް އެމްޓީސީސީ އިން ވަނީ ވިދާޅުވެފައެވެ.

މި އުޅަނދުތައް އެމްޓީސީސީއަށް ނަގާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މި ހިދުމަތް ފަށާ ފުރަތަމަ ޒޯންގައި ހިމެނެނީ ހއ. ހދ. އަދި ށ އެވެ.

މި ހިދުމަތް ދޭނީ ހަ ޒޯނަކަށް ބަހާލައިގެންނެވެ. ހިދުމަތް ދިނުމުގައި ދަތުރުކުރާނީ ތިން ރޫޓަކަށެވެ.

ރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ) އަށް އެއްބަސްވުމެއްގެ ދަށުން ހަވާލުކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގައި ހިމެނޭ ދެ ވަނަ ޚިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ޚިދުމަތެވެ. މި ޚިދުމަތަކީ، އެ ރީޖަނެއްގައި ހިމެނޭ ހުރިހާ ރަށްތަކާއި އެންމެ ކައިރީގައި އޮންނަ ކޮމަރޝަލް ހަބާއި ގުޅުވައިދޭނެ ޚިދުމަތެކެވެ.

މިހާރު ވެސް އެމްޓީސީސީ އިން ގިނަ އަތޮޅުތަކެއްގައި އަންނަނީ ފެރީގެ ޚިދުމަތް ދެމުންނެވެ.