ޕާސްޕޯޓް ނަކަލު ކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު އަނެއްކާ ވެސް ހުއްޓުވައިފިއެވެ.

އިމިގްރޭޝަނުން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، ހުއްޓުވާފައިވަނީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ.

އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި ކޮން ގައުމަކުން ރާއްޖެ އެތެރެވާން އުޅުނު މީހެއް ކަމެއް ވެސް އިމިގްރޭޝަނުން ހާމައެއް ނުކުރައްވައެވެ.

ނަކަލު ކޮށްފައިވާ ޕާސްޕޯޓް ބޭނުން ކޮށްގެން ނުވަތަ ސައްހަ ނޫން ވޯކް ވިސާ ކާޑުތަކެއްގައި ރާއްޖެއަށް ބިދޭސީން އެތެރެވާން އުޅޭ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ދެ އަހަރުގެ ވެސް އެކި ފަހަރު މަތިން އޮޅުވާލައިގެން އެތެރެވާން އުޅުނު ބިދޭސީންތަކެއް ހުއްޓުވާފައިވެއެވެ.

މިކަން ހުއްޓުވުމުގެ ގޮތުން ރާއްޖޭގެ ބޯޑަރު ނިޒާމް ވަރުގަދަ ކުރުމުގެ އިތުރުން ހިއުމަން ޓްރެފިކިންއާ ދެކޮޅަށް ސަރުކާރާއި އިމިގްރޭޝަން އާކަމާ ބެހޭ އެހެން އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އިމިގްރޭޝަނުން ދަނީ ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރާ މީހުންނާ ވައްތަރު މީހެއްގެ ރެސިޑެންޓް ކާޑު ބޭނުންކޮށް އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރާ ބިދޭސީން ހުއްޓުވައި ފިޔަވަޅު އަޅަމުންނެވެ.