ނުކުޅެދުންތެރިކަން ހުންނަ ފަރާތްްތަކަށް ފުޑްކޯޓަށް ވަދުމަށް އެޅިފައިވާ ހުރަސްތަކަށް ހައްލެއް ގެނެސްދޭނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ހާބަރު ސަރަހައްދުގައި ހުންނަ ފުޑް ކޯޓަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ވަނުމަށް ހުރަސްއެޅޭ ގޮތަށް އެ ތަނުގައި ޖަހާފައިހުރި ދަގަނޑުތަކުގެ ސަބަބުން އެ ސަރަހައްދަށް ފުރޮޅުލީ ގޮނޑީގައި ނުވަދެވޭ ގޮތް ކުރިމަތިވެެފައެވެ. މި ބަދަލުތައް ސިޓީ ކައުންސިލުން ގެނެސްފައި ވަނީ ބައެއް ދިމާލުން ފުޑް ކޯޓަށް ސައިކަލުގައި ނުވަދެވޭ ގޮތް ހެދުމަށް ކަމަށް ބުނެއެވެ.

މި ބަދަލުތަކާއި އެކު ނުކުޅެދުންތެރިކަން ހުންނަ ޒުވާނެއް ކަމުގައިވާ މިރުޒާ މުނީރު ވަނީ ފޭސްބުކުގައި ފޮޓޯއަކާއެކު ޕޯސްޓެއް ކޮށްފައެވެ. އޭނާ އާންމުކޮށް ގޮސް ވަދެ ހިތް ހަމަ ޖައްސާލަން އިންނަ އެ ތަނަށް ނުވަދެވުމުން މިރުޒާ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޕޯސްޓް ދަނީ މީސްމީޑިއާގައި ގިނަ ބަޔަކު ހިއްސާކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން ޓްވިޓާގައި ކަންބޮޑުވުން ފާޅުކޮށްފައިވާ މީހެއްގެ ޓްވީޓަށް ޖަވާބު ދެއްވަމުން މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވަނީ ފުރަތަމަ އެ ކަމަށް މައާފަށް އެދިވަޑައިގެންފައެވެ. އަދި އެއީ އޮޅިގެން ކުރެވުނު ކަމެއް ކަމަށް ވިދާޅުވިއެވެ.

"މުވައްޒަފުން މެދުވެރިކޮށް ބަލައިފިން. ވަރަށް ބޮޑަށް މައާފަށް އެދެން. މިއީ ވެގެން ވާނެ ކަމެއް ނޫން. މިއީ އޮޅުމެއް. މި ތަނަށް ވަދެވޭ ގޮތަށް މިއަދު ހަދާނަން" ޝަމާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވި ގޮތުގައި މިއަދު އެ މައްސަލަ ރަނގަޅުކޮށް އެތަނަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ވަދެވޭނެ ގޮތަށް އިންތިޒާމު ވަރަށް އަވަހަށް ހަމަޖެހިގެން ދާނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި މާލީ އެހޯތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގައިވާ ގޮތުން އާންމު އިމާރާތްތަކާއި މަގުތަކާއި ޕާކު ފަދަ ތަންތަންތަނާއި ވިޔަފާރިކުރާ ސުޕަމާކެޓް ނުވަތަ ކޮމްޕްލެކްސް ފަދަ ތަންތަނާއި ދަތުރު ފަތުރުގެ ވަސީލަތްތަކާއި ސުކޫލުތަކާއި ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނާއި ވަޒީފާ އަދާކުރާ ތަންތަނަށް ފަސޭހަކަމާއެކު ވަނުމުގެ ފުރުސަތު އެހެން މީހުނެކޭ އެއްފަަދައިން އެ މީހުންނަށް ވެސް ލިބެން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ބެއްޔާ

  ގަރުނުގެ ބޮޑު ޖޯކް! ބަލަ ނަސީދުއާއި އަސްލަންޓޭ ދެމީހުންވެގެން މާލެ/ހުޅުމާލެ/ވިލިގިލި/ ގުޅީފަޅު ހިމެނޭގޮތައް ހުރިހާބިންތައް ލާމަރުކަޒީ ގާނޫނާ ޚިލާފައް އެޗްޑީސީއަށް ދީފައިވާއިރު ކަލޭމެން މާލެ ސިޓީކައުންސިލުން ތިޔަތިބީ ހައްޕުކިޔައި ހިމޭނުން!

  3
  1
 2. ދިވެހި ދަރިއެއް

  އަދިވެސް ވާންވީ ވަޢުދުތަ؟ ނިކަން ޢަމަލުން ދައްކަބަލަ

 3. އެމަންޖެ

  ތިޔައީ ހަމަކަލޭމެން ރާވައިގެން ކޮއްފަ ހުރި ކަންކަން.