މަސްވެރިކަމާއި ގޫޅޭ އެކި ހަރަކާތްތައް ހިންގުމަށް ދުރާލާ ފިޝަރީޒް މިނިސްޓްރީ އިން ނަގަން ޖެހޭ ހުއްދަ ނެގުމަށް އެެ މިނިސްޓްރީ އިން އިލްތިމާސްކޮށްފިއެވެ.

މަސްވެރިކަމާ ބެހޭ ގާނޫނުގައި ހުއްދަ ނަގަން ޖެހޭ މަސްވެެރިކަމުގެެ ބާވަތްތައް ހިމަނާފައިވެއެވެ.

އޭގެ ތެރޭގައި މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމަށް ހިންގާ މަޝްރޫއުތަކާއި، ގޭދޮށު މަސްފެކްޓަރީ ގާއިމުކުރުމުގެ މަޝްރޫއުތަކާއި، މަސްވެރިންގެ އަތުން މަސްގަނެ މަސްފިނިކޮށް، ގަނޑުކޮށް، ރައްކާކުރުމަށް ހިންގާ މަޝްރޫއުތަކާއި، މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް އައިސް ޕްލާންޓް ގާއިމުކުރުމާއި، ފާނަކޮށި އެޅުން ނުވަތަ ކޮށިއަޅައިގެން މަސްގެންގުޅުމަށް ހިންގާ މަޝްރޫއުތައް ހިމެނެއެވެ.

އެކުއަކަލްޗާ ކުރުމާއި އެކުއަކަލްޗާއާ ގުޅުންހުރި މަޝްރޫއުތަކާއި، ކާބަން މޮނޮކްސައިޑް ޓްރީޓްކޮށްގެން މަހުގެ އުފެއްދުންތައް އުފެއްދުމަށް ހިންގާ މަޝްރޫއުތައް އަދި އެކްސްޕޯޓްކުރުމަށް ނުވަތަ ވިޔަފާރީގެ ބޭނުމަށް މޫދުގައި އުޅޭ އެކުއޭރިއަމް ފިޝް ނުވަތަ ދިރޭ ކުދިމަސް ބަންދުކުރުމަށް ފެސިލިޓީ ގާއިމުކުރުމަށް ހިންގާ މަޝްރޫއުތަކުގެ އިތުރުން ކަނޑުގެ ދިރުންތައް ނުވަތަ މަސްވެރިކަމާ ގުޅޭ ދިރުންތައް އާލާކުރުމަށް ހިންގޭ މަޝްރޫއުތައް ހިންގުމަށް ވެސް ހުއްދަ ނަގަން ޖެހެއެވެ.

ފިޝަރީޒް މިނިސްޓްރީއިން ވިދާޅުވި ގޮތުގައި، މިފަދަ މަޝްރޫއެއް ހިންގާ ކަމުގައިވާ ނަމަ ހުއްދަ ނަގައި، ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެެ ދަށުން ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދަން ޖެހެއެވެ.

މިފަދަ މަޝްރޫތައއް ހިންގާއިރު، އެ މިނިސްޓްރީ އިން ހުއްދަ ހޯދުމުގެ މައިގަނޑު ބޭނުމަކީ، އެ މަޝްރޫއަކީ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމަށް ކަނޑައަޅާފައިވާ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހިންގާ މަޝްރޫއެއް ކަން އެ މަޝްރޫއު ހިންގާ ފަރާތްތަކަށް ދިނުން ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.

އަދި މިފަދަ މަޝްރޫތައް ކުރިއަށް ގެންދާއިރު، އެކަށީގެންވާ މިންވަރުގެ ނަފާއެއް ނުލިބުމުގެ ސަބަބުން މަޝްރޫ ހުއްޓާލަން ޖެހުންފަދަ ހާލަތްތައް މެދުވެރި ވިޔަ ނުދިނުން ކަމަށް އެ މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން ހުއްދަ ހޯދަން ޖެހޭ މަސްވެރިކަމުގެ މަޝްރޫއެއް ހިންގާ ކަމަށްވާނަމަ އެ މިނިސްޓްރީ އިން ހުއްދަ ހޯދައިގެން ކުރިއަށް ދިއުމަށް ފިޝަރީޒް މިނިސްޓްރީ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މަސްވެރިކަމުގެ މަޝްރޫތަކަށް ހުއްދައަށް އެދުމަށް ބޭނުންވާ ފޯމު އަދި އެހެނިހެން ވަސީލަތްތައް މިނިސްޓްރީގެ ވެބްސައިޓުން މިހާރު ލިބެން އެބަ ހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާހިމް

    މި ދަނީ ނިމުމުގެ އެންމެ ފަހު މަރުހަލާކަމަށް ގަބޫލުކުރެވެނީ. މި ސަރުކާރުގެ ވެރިން ފުރައިގެން ބޭރަށް ފިލަން ދިޔަނުދޭތި. މުޅި ގައުމު ދަވައިހުސްކޮށްފި. އިންޑިޔާ އެމްބަސީއަށް ވަނަނުދޭތި މިހާރުން މިހާރަށްވެސް އިންޑިޔާ އެމްބަސީ ދޮށަށް އެއްވަންޖެހޭ.

  2. ކޮރަލް

    މަސްވެރީންނާ ނުކުޅެ ވޭނެ އެވެ.