ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ އިގްތިސާދީ ތަދުމަޑުކަމުގެ ހާލަތެއް ވެސް ކުރިމަތިވެ ވަޒީފާ ގެއްލުނު ފަރާތްތަކާއި ވިޔަފާރިއަށް ގެއްލުން ލިބުނު ފަރާތްތަކަށް ދިވެހި ސަރުކާރުން ދެމުންދާ އިންކަމް ސަޕޯޓް އެލަވަންސް އިތުރަށް ފުޅާ ކުރުމަށް ވޯލްޑު ބޭންކުން ރާއްޖެއަށް އެހީވާން ނިންމައިފިއެވެ.

ވޯލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ އިންކަމް ސަޕޯޓު އެލަވަންސް އިތުރަށް ފުޅާކުރުމަށް 21.6 މިލިއަން ޑޮލަރު ރާއްޖެއަށް ދިނުމަށް ނިންމާފައެވެ. އިންކަމް ސަޕޯޓް އެލަވަންސަށް ވޯލްޑް ބޭންކުން ވަނީ މިދިޔަ އަހަރުގެ ތެެރޭގައި ވެސް ރާއްޖެއަށް އެހީ ދީފައެވެ. މިދިޔަ އަހަރު ވޯލްޑް ބޭންކުން ރާއްޖެއަށް ދީފައިވަނީ 12.8 މިލިއަން ރުފިޔާގެެ އެހީއެކެވެ.

ރާއްޖެއާއި ސްރީލަންކާ އަދި ނޭޕާލަށް ވޯލްޑު ބޭންކުން ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު ޒާވޮސް ވިދާޅުވީ މި ބަލިމަޑުކަމުގެ ސަބަބުން ކުރާ އަސަރު މި އަހަރުގެ ބޮޑު ބަޔަކަށް ދެެމިގެން ދާނެެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ސަރުކާރުން ދޫކުރަމުން އަންނަނީ ވަޒީފާ ގެއްލުނު ފަރާތްތަކަށް 5000 ރުފިޔާއެވެ. އަދި މުސާރައިން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް 5000 ރުފިޔާ ނުލިބޭ ނަމަ އެ އަދަދު ހަމަވާ ވަރަށް ސަރުކާރުން އެފަރާތްތަކަށް ފައިސާގެ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.

އިންކަމް ސަޕޯޓު އެލަވަންސް ގިނަ ބަޔަކަށް ދެވޭ ގޮތަށް އެ އެލަވަންސް ދިނުމާ ގުޅޭ އުސޫލަށް ގެނެސްފައިވާ ބަދަލާއެކު ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، މިދިޔަ އަހަރުގެ ޑިސެމްބަރު އެކެއްގެ ފަހުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސް އަށް އެދި ހުށައެޅޭނެއެވެ.

މީގެ ކުރިން މި އެލަވެންސް ދިނުމަށް ނިންމާފައިވަނީ މިއަހަރުގެ މާޗް މަހުގެ އެއް ވަނަ ދުވަހުގެ ފަހުން ވަޒީފާއަށް އަސަރު ކޮށްފައިވާ ނުވަތަ މުސާރައަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށެވެ.

މިހާރު 17000 މީހުންނަށް ރާއްޖޭގައި މި އެލަވަންސް ދެެމުން އަންނަ އިރު، އިންކަމް ސަޕޯޓް އެލަވަންސް ހޯދުމުގެ ބޭނުމުގައި ދޮގު މައުލޫމާތެއް ދީފިނަމަ ޤާނޫނުލް ޢުޤޫބާތުގައި ބަޔާން ކުރާ ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަށް ކުރަން ޖެހޭ ޖިނާއީ ތަޙުޤީޤު ކުރުމަށް ޓަކައި ފުލުހުންގެ މުއައްސަސާއަށް ހުށަހަޅާނެއެވެ.