ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހުގެ 10 ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދެންމެ ހާމަކޮށްފިއެވެ.

ކައުންސިލް އިންތިހާބަށާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބަށް އެކުލަވާލާފައި އޮންނަ ގައުމީ ލަފާ ދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އެ ތާރީޚުގައި އިންތިހާބު ބޭއްވުމަށް ކޮމިޝަނުން ނިންމީ އިންތިހާބުގެ ވަގުތީ ގާނޫނާއި ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން ގެނެސްފައިވާ އިސްލާހުތަކަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ.

ޝަރީފް ވިދާޅުވީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ޓަކައި، އަންނަ ހުކުރު ދުވަހުން ފެށިގެން އިންތިހާބުގެ މަސައްކަތް ފަށާނެ ކަމަށެވެ.

މީގެ ކުރިން ބޭއްވި ކޮމިޓީގެ ބައްދަލުވުންތަކުގައި މި އަހަރުގެ އޭޕްރީލް މަހާއި ޖޫން މަހާ ދެމެދުގެ މުއްދަތުގެ ތާރީޚެއްގައި އިންތިހާބު ބޭއްވުމަށް ސިޔާސީ ޕާޓީތަކާ އެކު އީސީއިން މަޝްވަރާ ކޮށްފައިވެއެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު އަދިވެސް އޮތުމުން ޖޫން މަހަށް އިންތިޚާބު ފަސްކުރުމަށް ވެސް އީސީއިން ޕާޓީތަކާއެކު މަޝްވަރާކުރިއެވެ.

ޝަރީފް މިއަދު ވިދާޅުވީ އިންތިހާބުގެ ވަގުތީ ގާނޫނުގައިވާ ގޮތުން މެއި މަހުގެ ނުވަ ވަނަ ދުވަހަށް ވުރެ ފަހުގެ ތާރީޚެއްގައި އިންތިހާބު ބޭއްވުމުގެ ބާރެއް އީސީއަށް ލިބިފައިނުވާ ކަމަށް އެ ކޮމިޝަންގެ ލީގަލް ޓީމުން ލަފާ ދީފައިވާ ކަމަށެވެ. އަދި އޭގެ ކުރީ ތާރީޚެއް އިއުލާން ކޮށްފިނަމަ، މަޖިލީހުގެ ރުހުން ހޯދައިގެން ފަސް ކުރަން އޮތް ފުރުސަތު ގެއްލޭ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ތާވަލުކުރި އިންތިހާބު ފަސްކުރަން ޖެހުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ އޭރު މުޅި ރާއްޖެ ފުރަބަންދުކޮށްފައި އޮތުމުގެ ސަބަބުންނެވެ. އަހަރަކަށްވުރެ ދިގު މުއްދަތަކަށް އިންތިހާބު ފަސްވެގެން ދިޔައިރު މި އަހަރުގެ މާޗު މަހު އިންތިހާބު ބޭއްވުމަށް ވެސް އީސީއިން މަސައްކަތް ކުރިއެވެ.

އެކަމަކު މާޗު މަހު އިންތިހާބު ބޭއްވުމަށް ގާނޫނީ ހުރަހެއް ވެސް ކުރިމަތިވީއެވެ. ކައުންސިލް އިންތިހާބުގެ ވަގުތީ ގާނޫނުގައިވާ ގޮތުން އިންތިހާބު ބޭއްވޭނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ފަހުގައެވެ. ހާލަތު އުވާލުމަށް ފަހު، ކެމްޕޭނަށް ދެ މަސް ދުވަހުގެ ފުރުސަތެއް ވެސް ދޭން ޖެހެއެވެ. ފެބްރުއަރީ މަހާ ހަމައަށް މިހާރު ސިއްހީ ކުއްލި ހާލަތު ވަނީ ދިގު ދަންމައިފައެވެ.

އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ދައުރުން ބޭރު ޖަލްސާއެއް ބާއްވައި، ސިއްހީ ކުއްލި ހާލަތު އުވާނުލިޔަސް އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނު އިސްލާހުކޮށްފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވާފައިވާ އެ ގާނޫނުގައިވާ ގޮތުން އިންތިހާބުގެ ކަންކަމާއި އިންތިހާބަށް ކެމްޕޭން ކުރުމުގެ ކަންކަމަށް އެޗްޕީއޭއިން ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިމެނޭ ގައިޑްލައިނެއް ވެސް ނެރެން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފާތުމާފުޅު- ހިރިލަންދޫ

    އިންތިޙާބު ބޭއްވިޔަސް ވޯޓެއް ނުލިބޭނެ.... އިންތިހާބުގައި ވޯޓު ލާން ނުދާނެ %30 މީހުން ކަމަށް ލަފާކުރެވޭ ، ޙާއްސަކޮށް ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ އެމީހުން އާއިލާތައް ، އީ.ސީ ޝަރީފު މިފަހަރު ކިހާވަރެއް ބާ އެޑްވާންސް ފައިސާ ނެގީ ،
    ދުނިޔޭގައި ނުހައްޤުން ހޯދާ ފައިސާ ޤިޔާމަތްދުވަހުން އަލިފާނުގެ ބަދަލުގައި އެ ފައިސާ ލިބޭނެ ހެޔޮ ނުވާނެ ކަލޯ ޝަރީފޫ އަޒާބުގެ މައްޗަށް އަޒާބު މި އޮތީ ފެންނަން

    14
    1
  2. ބެއްޔާ

    ތިޔައިންތިހާބުން މާލެސިޓީއަށް ވާނެފައިދާއެއްނެތް. މާލެ/ހުލުމާލެ/ވިލިގިލި/ތިލަފުށި/ގުޅީފަޅުގެ ބިމުގެ މިލްކް ވެރިކަން ލާމަރުކަޒީ ޤާނޫނާ ޚިލާފަށް ނަސީދު އަދި އަސްލަންޓޭ އަޑީގައި ތިބެގެން އެޗެޑީސީއަށް ދީ ނިންމާފަވަނީ! މާލެސިޓީކައުންސިލް އަށް ބޮޑުމުސާރަ ދީފައި މޭޔަރ ކައުންސިލަރ ވިހާމަރުވާ މީހުންގެ ލިސްޓް ބަލަހައްޓާކައް ހޮވުމުގެ ބޭނުމެއްނެތް. # އިންތިހާބު ބޮއިކޮޓް ކޮއްލާނީ! #ނޯވޯޓް ނޯގޯތި.

  3. ދިވެހިންހޭލާ

    ޝަރީފަށް ރަގަޅުވާނީ ތި މަރަ، މި މީހުންނަކީ އާހިރަތަށް އީ މާން ނުވާބައެއް،
    އެހެންނޫންނަ މަ ރައްޔިތުންގެ ހައްގަށް އަރަން ނުކެރޭނެ.
    މިދުނިޔޭގައިވެސް އަޒާބު އަދި އާހިރަތުގައިވެސް އަޒާބު ބޭނުންވާ މީހުންނަށް ލިބޭނެ.