ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް 95 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިހާބަށާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބުގެ މަޝްވަރާއަށް އެކުލަވާލާފައިވާ ގައުމީ ލަފާ ދޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އީސީގެ މެންބަރު ފުއާދު ތައުފީގް ވިދާޅުވީ އިންތިހާބަށް ބަޖެޓް ދީފައިވަނީ 51 މިލިއަން ރުފިޔާ ކަމަށެވެ. އަދި އިތުރަށް 44.9 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ފުއާދު ވިދާޅުވިއެވެ.

"މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން މި ތިބީ އިގްތިސާދީ ތަދުމަޑުކަމެއްގައި، މި ހާލަތުގައި ތިބިއިރު ބަލިމަޑުކަމުގެ ސަބަބުން އިންތިހާބުގެ ހަރަދު އިތުރަށް ބޮޑުވެގެން މި ދަނީ، އަޅުގަނޑުމެންގެ ހިސާބުތައް ދައްކާ ގޮތުން އިތުރަށް ގާތްގަނޑަކަށް 44.9 މިލިއަން ރުފިޔާ ހޭދަވެގެން ދާނެ،" ފުއާދު ވިދާޅުވިއެވެ.

އެހެންކަމުގައިވާނަމަ މި އިންތިހާބު ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ހަރަދު ބޮޑު އިންތިހާބަށެވެ. އިންތިހާބުގެ ހަރަދު ބޮޑުވެގެން ދަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު އޮތުމުން އަޅަން ޖެހޭ ފިޔަވަޅުތަކަށެވެ. މި ގޮތުް ސެނެޓައިޒާ، މާސްކް ފަދަ ތަކެތި ފޯރުކޮށްދިނުމަށް ދާނެ ހަރަދާއި ގައިދުރުވުމުގެ ހަމަތަކުގެ މަތިން އިންތިހާބު ބާއްވާތީ ވެސް އިތުރު ހަރަދުތައް ހިނގާނެ ކަމަށް ބެލެވެއެވެ.

މީގެ ކުރިން ވެސް އީސީއިން މި ކަމުގެ ކަންބޮޑުވުން ފާޅުކުރިއެވެ. މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރި ކޮމިޓީއާ ބައްދަލުކޮށް އީސީއިން އޭރު ވިދާޅުވެފައިވާ ގޮތުގައި ވެސް 51 މިލިއަން ރުފިޔާއަކީ ކުޑަ ބަޖެޓެކެވެ. އޭރު އީސީއިން ވިދާޅުވެފައިވަނީ އިންތިހާބު ބޭއްވުމަށް 77 މިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ. މިހާރު އެ ކޮމިޝަނުން ވިދާޅުވާ އަދަދު 95 މިލިއަން ރުފިޔާއަށް އިތުރުވެއެވެ.

އީސީއިން މިއަދު ހާމަކުރި ގޮތުގައި އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގައެވެ. އަދި އެ ތާރީޚަށް އިންތިހާބު ބޭއްވުމަށް ޓަކައި އަންނަ ހުކުރު ދުވަހު އިންތިހާބުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އެ ކޮމިޝަނުން މިއަދު ވިދާޅުވިއެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ތާވަލުކުރި ކައުންސިލް އިންތިހާބު ފަސްކުރަން ޖެހުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުގެ ސަބަބުންނެވެ. މުޅި ދުނިޔެއަށް ފެތުރިގެން އައި އެ ބަލިމަޑުކަން ރާއްޖޭގައި ފެތުރެމުން އަންނަ މި ހާލަތުގައި އީސީއިން ދެން މަސައްކަތް ކުރީ މި އަހަރުގެ މާޗު މަހު އިންތިހާބު ބޭއްވުމަށެވެ.

އެކަމަކު، ފެބްރުއަރީ މަހާ ހަމައަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމާލުމުގެ ސަބަބުން އެ މަހު އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީއިން ނިންމިއެވެ. އެއީ އިންތިހާބުގެ ވަގުތީ ގާނޫނުގައި އޮންނަ ގޮތުން އިންތިހާބު ބޭއްވެނީ ސިއްހީ ކުއްލި ހާލަތު އުވާލުމަށް ފަހުގައެވެ. އެކަމަކު މިހާރު މަޖިލީހުން ވަނީ އެ ހާލަތުގައި ވެސް އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރެފްރީ

    އިންޑިއާގެ ސަފީރަށްގުޅާލާ ވަގު ތުންޕަކާސް
    ހާސްވާއެއްޗެއްނޫން ..

    13
  2. ހުސޭނުބޭ

    ހާދަ ބައިވަރެއް! މި އަހަރަށް ކާން ބޭނުންވާ ބައިވެސް ލައިގެންތަ ހިސާބުކިތާބު ހެދީ!

    17
  3. ނޫރީ

    ކީއްކުރާ ފައިސާތޯ.. ކޮންމެރަށަކަށް 1 މިލިއަން ހޯދާ ... ދެން ފައިސާ ދިރުވާލާ...

  4. ީއަހުމަދު

    އެވަރު މަދު އަދި 100 މިލިއަން ައިތުރުކޮއްލާ

  5. ބެއްޔާ

    ތިޔައިންތިހާބުން މާލެސިޓީއަށް ވާނެފައިދާއެއްނެތް. މާލެ/ހުލުމާލެ/ވިލިގިލި/ތިލަފުށި/ގުޅީފަޅުގެ ބިމުގެ މިލްކް ވެރިކަން ލާމަރުކަޒީ ޤާނޫނާ ޚިލާފަށް ނަސީދު އަދި އަސްލަންޓޭ އަޑީގައި ތިބެގެން އެޗެޑީސީއަށް ދީ ނިންމާފަވަނީ! މާލެސިޓީކައުންސިލް އަށް ބޮޑުމުސާރަ ދީފައި މޭޔަރ ކައުންސިލަރ ވިހާމަރުވާ މީހުންގެ ލިސްޓް ބަލަހައްޓާކައް ހޮވުމުގެ ބޭނުމެއްނެތް. # އިންތިހާބު ބޮއިކޮޓް ކޮއްލާނީ! #ނޯވޯޓް ނޯގޯތި.

  6. ދިވެހިންހޭލާ

    ތިތަނުގެ އޯޑިޓް ރިޕޯޓު ބަލަންޖެހޭ.
    ތިވަރަށް ފައިސާ ނުދާނެ، ތީހަ މަ ބަޑުއަޅާއެތިކޮޅު، އެއް މިލިއަން ރުފިޔާ ހޭދަނޮކޮށްވެސް އިންތިހާބު ބޭއްވިދާނެ.
    އޮން ލައިންކޮށް ބޭއްވީ މަ ނި މުނީ، ނިކަ މެތި ރައްޔިތުންގެ ފައިސާއަށްވީ މަ ހިތުހުރިގޮތަކަށް ހަދާނެ، ތި މީހުންގެ ޖީބުން ދޭންވީ މަ ނުކެރޭނެ އެއްރުފިޔާވެސް ހޭދަ ކުރާކަށް.
    އެހެން މީހެއްގެ ކިބައިން ކަންޔާ ބަޑުފަޅައިގެންދާވަރަށް ކެވޭނެ،

  7. އެމަންޖެ

    95 މިލިޔަނެކޭނޫނޭ ބުނަންވީ 95 ބިލިޔަން ބުނުއްވާ.

  8. ކެޔޮޅު

    އެވަރުން އިންތިހާބު އޮޅުވާލެވޭނެތަ؟