ހަރުކަށި ފިކުރުގެ ވިއުގަށް ނިސްބަތްވާ މީހުން އުޅެނީ ހަމައެކަނި އައްޑޫ ސިޓީއާއި ތ. ތިމަރަފުށީގައި ނޫން ކަމަށާއި ތ. އަތޮޅު ތައުލީމީ މަރުކަޒު ގޮއްވާލާ ހިސާބަށް ތިމަރަފުށީގައި ތިބި ހަރުކަށި ފިކުރުގެ ވިއުގައިން މަސައްކަތް ކުރުމަކީ ބިރުވެރި ކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގަބޫލު ކުރާ މީހުންނާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސްއާ ގުޅުން އޮތް ކަމަށާއި އެ ރަށުގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގައި މިދިޔަ އަހަރު އޯލެވެލް އިމްތިހާން ހަދަމުން ދަނިކޮށް ސްކޫލްގެ ލެބޯޓަރީ ގޮއްވާލަން އެ މީހުން ރޭވި ކަމަށް ފުލުހުން ވިދާޅުވުމާއި ގުޅިގެން ވައްޑެ ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ޓްވީޓެއް ކުރައްވާފައެވެ.

ވައްޑެ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އަމިއްލަ ރަށުގެ ސްކޫލް ގޮއްވާލަން މަސައްކަތް ކުރާ ހިސާބަށް ބައެއްގެ ވިސްނުން ދިއުމަކީ ބިރުވެރިކަމެއް ކަމަށެވެ. އަދި އެ ނިބުރުވެރި ޖަމާއަތުގެ ފިކުރަށް ހެއްލިގެން އެތައް އާއިލާއެއްގެ އެތައް ސަތޭކަ ބަޔަކު ސީރިޔާއަށް ހަނގުރާމައަށް ގޮސް މަރުވެފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

 

 

"މައްސަލައިގެ ނުރައްކާތެރިކަން މުޅި މުޖުތަމައަށް ފެތުރި އާންމުވެފައިވާ މިންވަރު ހާމަވާ ކަމެއް، މިއީ ތިމަރަފުށި ދެ ތިން ކުއްޖަކާއި އައްޑޫ ސިޓީގައި އެކަހެރިވެގެން އުޅޭ ކުދިންކޮޅެއް އެކަނި ކަމެއް ނޫން، މާ ބޮޑަށް ރޭވިގެން، އެހެން ކިތަންމެ ބަޔަކު ޝާމިލްވެގެން ހިންގާ އަނދިރި ހަރަކާތެއް،" ވައްޑެ ވިދާޅުވިއެވެ.

ދުނިޔޭގެ ނުރައްކާތެރި ނިރުބަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިގެން ރާއްޖޭގައި ނިރުބަވެރި ހަމަލާތަކެއް ދޭން އުޅުނު ދިވެހިންގެ މައުލޫމާތު އާންމުކޮށް، ބައެއް މީހުންގެ މައްސަލަތައް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވާފައިވެއެވެ. އެއީ ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރަން އުޅޭ، އަދި އެ ރަށުގައި ހުރި ތ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްކޫލް ލެބޯޓަރީ ގޮއްވާލަން އުޅުނު ބަޔެކެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ނެރެފައިވާ ބަޔާނުގައިވާ ގޮތުން، ތ. އަތޮޅު ތައުލީމީ މަރުކަޒުގައި މިދިޔަ އަހަރު އޯލެވެލް އިމްތިހާން ހަދަމުން ދަނިކޮށް ސްކޫލްގެ ލެބޯޓަރީ ގޮއްވާލަން ބަޔަކު މަސައްކަތް ކޮށްފައިވަނީ އައިއެސްއާ ގުޅިގެން އެ ޖަމާއަތުގެ އިރުޝާދުގެ ދަށުންނެވެ. އަދި ރާއްޖޭގައި ޓެރަރިޒަމްގެ އަމަލްތައް ހިންގުމަށް ހިތްވަރުދީ ރާވަމުން ދިޔަ މީހުންނަކީ ދަތުރު ދިއުމުގެ ނަމުގައި ފަޅު ރަށްރަށަށް ގޮސް ތަމްރީނުތައް ހަދައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެ ގޮތުން ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުގެ ކްލާސްތައް ހިންގައި އޮންލައިންކޮށް ހަރުކަށި ފިކުރުގެ ދަރުސްތައް ބާއްވައި ކުޑަކުދިންނަށް އަމާޒުކޮށްގެން އެ ކުދިން ހަރުކަށި ފިކުރަށް ލެންބުމަށް މަސައްކަތް ކުރާ ބައެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ވެސް މި ފިކުރު ފަތުރަމުންދާ އައިއެސްގެ ވިއުގައެއް ވެސް އޮތް ކަން އެނގިފައިވެއެވެ. މި ފިކުރުގެ މީހުން އައްޑޫގައި ހުންނަ މިސްކިތްތަކުގައި ބަހައްޓާފައިވާ ޤުރްއާން ފޮތްތަކުގައި ޖަހާފައި ހުރި ދައުލަތުގެ ނިޝާންތައް ކަނޑާފައި ހުރި ކަން ފާހަގަކުރެވުނެވެ. އައްޑޫގެ ފަޅު ރަށްރަށަށް ގޮސް ހަނގުރާމަ ކުރުމަށް ތަމްރީން ދިނުމާއި ގޮއްވާ ތަކެތި އުފެއްދުމުގެ ތަމްރީންތައް ގެންގޮސްފައިވާ ކަން ފާހަގަކޮށްފައިވެއެވެ. އަދި ބައެއް ގެތަކުގައި ވީޑިއޯ ޑޮކިއުމަންޓަރީ ދައްކައިގެން ހަރުކަށި ފިކުރަށް ޒުވާން ކުދިން ގެންދިއުމަށް އޭގެ އެކި ކިލާސް ނަގަމުންދާ ކަން އެނގިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަދުރޭ

    މި ނުބައި ފިކުރު ފެތުރިފައި އޮތްވަރު އަދި އެކަމާ އެއްޗެއް ބުނަންވެސް ކެރުނު ބަޔަކީ ވަގުތު ނޫސް އެކަނި ... މުނާފިޤުން ތިބެގެން ނަކަސް ތެޅުން ނޫން ކަމެއް ނުކުރެ

    11
  2. ފދފ

    މި ރާއްޖޭގެ ތާރީޙްގަވެސް ދިން އެއްމެ ބޮޑު ނިރުބަވެރި ހަމަލާ ފެބްރުއަރީ 8 ގަ މުޅި ގައުމު ވަނީ ތަހައްމަލް ކޮށްފަ

    10
    3
  3. މިއަދު

    ހެހެ: އަމިއްލަ ޕާޓީގެ މީހުންނުކުމެ އަމިއލަގައުމުގައިހުރި ރަޢިއްޔަތުންގެ އަމިއްލަ މުދަލުގައި ހުޅުޖެހި ދުވަހުކީއްވެ އެކަން ކުއްވެރިނުކުރީ

  4. ާއަފްލާ

    ހަރުކަށި ފިކުރަކީ ހަމައެކަނި ބޮންގޮއްވުމެއްނޫން ހަރުކަށި ފިކުރުގެ މީހުންނަކީ އިސްލާމްދީނާއި ބީރައްޓެހި އިސްލާމްދީނަށް ހަޖޫޖަހާ މީހިން ކާފަރުންނަކީ ނުވަތަ ޒަޔަނިސްޓުންނަކީވެސް ހަރުކަށި ފިކުރުގެ ބައެއް ފާދިރީންނަކީވެސް މީގަ ނުހިމެނެނީ ހަމައެކަނި މުސްލިމުން އެކަމް މުސްލިމިން ނަންވާނީ