ދައުލަތާއި ސަރުކާރުގެ އިދާރާތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ތަކާއި އެކިއެކި ހަރަކާތްތައް ކަވަރުކުރުމަށް ބްރޯޑްކާސްޓަރުންނާއި ނޫސްވެރިންނަށް ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ނޫސްވެރިކަމުގެ މިނިވަން ކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ، ރާއްޖޭގެ ގާނޫނު އަސާސީގެ 27 އަދި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހައްގެއްގެ އިތުރުން ޑިމޮކްރަސީއެއްގެ ވެސް އެންމެ މުހިންމު އެއް އަސާސްކަމަށެވެ.

"އެހެންކަމުން، ދައުލަތާއި ސަރުކާރުގެ އިދާރާތަކުން ބާއްވާ ނޫސް ކޮންފަރެންސްތަކާއި އެކިއެކި ހަރަކާތްތައް ކަވަރުކުރުމަށް ބްރޯޑްކާސްޓަރުންނާއި ނޫސްވެރިންނަށް ހަމަހަމަ ފުރުސަތު ފަހިކޮށްދީ، އެކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ އެންމެހާ އިދާރާތަކަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ." ބްރޮޑްކޮމް އިން ނެރެފައިވާ ސާކިއުލާގައި ބުނެފައިވެއެވެ.

ބްރޯޑްކޮމް އިން މިފަދަ ސާކިއުލާއެއް ނެރެފައިވަނީ ހެލްތް މިނިސްޓްރީން ބޭއްވި އިވެންޓަކަށް "ޓީވީއެމް" އަދި "ރާއްޖެ ޓީވީ" ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. މި އިވެންޓަކީ މި މަހުގެ 24 ވަނަ ދުވަހު ބާއްވާފައިވާ އިވެންޓެކެވެ.

އެކަމާއި ގުޅިގެން ހެލްތް މިނިސްޓްރީން ބުނެފައިވަނީ އެ އިވެންޓަކީ ކުއްލި ގޮތަކަށް ބޭއްވި އިވެންޓެއް ކަމުން ޖާގައިގެ ދަތިކަން ހުންނާތީ ހުރިހާ މީޑިއާތަކަށް އަންގާނުލެވުނީ ކަމަށެވެ.

އެ ކޮމިޝަނުން ވަނީ އާންމު ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދީ، ހޭލުންތެރި ކުރުމަށް ބްރޯޑްކާސްޓަރުންނާއި ނޫސްނެރިން ކުރަމުން އަންނަ މަސައްކަތަށާއި ސަރުކާރުގެ އިދާރާތަކުން ދެއްވާ އެއްބާރުލުން ފާހަގަ ކޮށް ޝުކުރު އަދާ ކޮށްފައެވެ.