ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ހުޅުވާ ދުވަހު އެ އިދާރާގެ ލައިބްރަރީއާއި ޑިޖިޓަލް އަރުޝީފު ރަސްމީކޮށް ހުޅުވުން އޮންނާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދާރާއިން މި ކަން ހާމަކޮށްފައިވަނީ އެ އިދާރާއިން އިއްޔެ ހުޅުވި ޓިކްޓޮކް އެކައުންޓް މެދުވެރިކޮށެވެ. އެ އެކައުންޓުން އާންމު ކުރި ވީޑިއޯގައި، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ އިދާރާގައި ކުރީގެ މަޖިލިސްތަކުގެ ޖަލްސާތަކުގެ ޔައުމިއްޔާތަކާއި ގާނޫނުތަކާއި މަޖިލީސް ހިންގަމުން އައި ގޮތާ ގުޅޭ ގޮތުން ހުރި އެކި ދުވަސްވީ ލިޔުންތައް ހުރި ކަމަށެވެ.

އެ ލިޔުންތައް ޑިޖިޓަލައިޒްކޮށް އެކުލަވާލާފައިވާ މަޖިލީހުގެ ޑިޖިޓަލް އަރުޝީފްއާއި އެ ލިޔުންތައް ޕްރިންޓްކޮށް އުފައްދާފައިވާ ފޮތްތައް ހިމެނޭ މަޖިލީހުގެ ލައިބްރަރީ ހުޅުއްވުމަށް އެދިވަޑައިގަންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ބަޔާން ވެސް އިއްވާނެއެވެ. މިއީ އެމަނިކުފާނުގެ ތިންވަނަ ރިޔާސީ ބަޔާނެއެވެ. ގާނޫނު އަސާސީގައި އޮންނަ ގޮތުން، ކޮންމެ އަހަރަކަށް މަޖިލިސް ހުޅުވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވަން ޖެހެއެވެ.

މަޖިލީހުގައި ހުރި ލިޔެކިޔުންތަކާއި ފޮތްތައް ޑިޖިޓަލްކޮށް އާކައިވް ކުރުމުގެ މަސައްކަތް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެށިއެވެ. އެ ލިޔެކިޔުންތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، މަޖިލީހުގެ ވެބްސައިޓްގައި ވެސް އެ ލިޔެކިޔުންތައް ޝާއިއު ކުރާނެއެވެ.

މަޖިލީހުގައި މިހާރު ކުރަމުންދާ މަސައްކަތާ ގުޅޭ ލިޔެކިޔުންތަކާއި ޖަލްސާތަކުގެ ޔައުމިއްޔާތަކުގެ ލިޔެކިޔުންތައް މަޖިލީހުގެ ވެބްސައިޓްގައި ޝާއިއު ކުރެއެވެ. މި ގޮތުން މަޖިލީހަށް ހުށަހެޅޭ ބިލުތަކާއި ގަރާރުތަކާއި، މަޖިލީހުގެ ކޮމިޓީތަކުން ކަންކަން ދިރާސާކޮށް އެކުލަވާލައި ރިޕޯޓްތައް ވެބްސައިޓްގައި އާންމުކޮށްފައި ހުރެއެވެ.