މިއަދު މ.ކޮޅުފުށިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ތުއްތު ކުއްޖަކު ހިމެނިއްޖެ އެވެ.

އެރަށުގައި ކޮވިޑް-19ގެ ވޭދަނަތައް ފެންނަން ފަށާފައި ވަނީ އެރަށުން މާލެ ދިޔަ އަންހެނަކު ކޮވިޑް-19 އަށް ފައްސިވުމުންނެވެ. އެ އަންހެން މީހާ މާލެ ގޮސްފައި ވަނީ ޖެނުއަރީ 19 ވަނަ ދުވަހު އެވެ. އޭނާ ފައްސިކަން އެނގުމާއެކު އެރަށް ވަނީ މޮނީޓަރިންގއަށް ލާފައެވެ.

އެރަށް މޮނީޓަރިންގއަށް ލުމަށްފަހު އެރަށުން، ވަކި ތަރުތީބެއް ނެތި 106 މީހެއްގެ ސުންކު ނަގާފައި ވެއެވެ.އޭގެ ތެރެއިން މިއަދު ނުވަ މީހެއްގެ ސުންކު ވަނީ ފައްސިވެފައެވެ.

އެރަށުން މާލެ ދިޔަ ފަހުން ފައްސިވި މީހާއާ ބައްދަލުވި 52 މީހަކާއި، އެރަށުން ވަކި ތަރުތީބެއް ނެތި 54 މީހެއްގެ ސުންކު ނެގި މީގެތެރެއިން މިހާތަނަށް ލިބިފައި ވަނީ 86 ސުންކުގެ ނަތީޖާ އެވެ.

އަދި އެތަނުން ފައްސިވެފައި ވަނީ ނުވަ މީހެކެވެ. އަދި 20 ސުންކުގެ ނަތީޖާ ނުލިބެއެވެ.

އެރަށުން ފައްސިވި މީހުންގެ ތެރެއިން އެއް އަހަރުގެ ތުއްތު ކުއްޖަކާއި، 60 އަހަރުން މަތީގެ ދެ މީހުން ހިމެނެއެވެ. އަދި ނުވަ އަހަރުގެ ކުއްޖަކާއި، ދެން ހިމެނެނީ ޒުވާނުންނެވެ.

އެރަށުގައި ހުރެފައި މާލެ ގޮސް ހުއްޓާ ފައްސިވި އެ އަންހެން މީހާއަކީ އެރަށަށް މާލެ އިން ދިޔަ މީހެކެވެ. އޭނާ އެރަށަށް ގޮސް ކަރަންޓީންވުމަށްފަހު ދޫކޮށްލުމުން ރަށުގައި ނުވަ ވަރަކަށް ދުވަސް ވަންދެން ހުއްޓެވެ. އޭނާ އެނބުރި މާލެ އައިސްފައި ވަނީ ޖެނުއަރީ19 ވަނަ ދުވަހުއެވެ. އޭނާ ކޮވިޑް-19 އަށް ޓެސްޓުކޮށްފައި ވަނީ ބަލީގެ އަލާމާތްތައް ފެނިގެން އޭގެ ދެ ދުވަސް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު