އއ.ތޮއްޑޫން މާލެ ދިޔަ މީހަކު ފައްސިވުމާއި ގުޅިގެން އެރަށަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.

ތޮއްޑޫ އިން މާލެ ގޮސް ހުއްޓާ ކޮވިޑް-19 އަށް ފައްސިވެފައިވަނީ އެރަށު ޕްރީ ސްކޫލުގައި ކިޔަވައި ދެމުން އަންނަ އަންހެން ޓީޗަރެކެވެ.

އެރަށް މޮނިޓަރިންގްއަށް ލާފައިވާކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އެރަށު ކައުންސިލަށް އަންގާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން، ސިއްހީ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެރަށް މޮނިޓަރިން ހާލަތަށް ލާފައިވަނީ ކޮންޓެކްތް ޓްރޭސިން ހެދުމުގެ މަސައްކަތް ނިމެންދެކަށެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އެރަށު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަބްދުﷲ ޝިފާޒް ވިދާޅުވެފައިވަނީ އެ ޓީޗަރު ފައްސިވެފައިވާކަން އެނގިފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށާއި މިވަގުތު ހުންނެވީ މާލޭގައި ކަމަށެވެ. އަދި މިވަގުތު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.