ދީނީ ނަސޭހަތް ދިނުން ވަގުތީ ގޮތުން ހިފަހައްޓާފައިވާ ޝެއިޚް އަލީ ޒައިދުގެ ހުއްދަ އަލުން ދިނުމަށާއި ސަސްޕެންޝަން އުވާލުމަށް އިސްލާމިކް މިނިސްޓްރީގައި އޭނާ އެދިއްޖެއެވެ.

ޝެއިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މަޝްވަރާތަަކަށްފަހު ސަސްޕެންޝަން އުވާލުމަށް އެދި ސިޓީއެއް ފޮނުވުމަށް އިސްލާމިކް މިނިސްޓްރީން އެދުމުން އިއްޔެ އެ މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާނެކަމަށެވެ.

ޝައިހު ޒައިދު ޓްވީޓުގައި ވިދާޅުވީ ސަސްޕެންޝަން އުވާލާނީ ސިޓީއަކުން އެދުމުން ކަމަށް އެ މިނިސްޓްރީން އަންގާފައިވާ ކަމަށާއި މާތްﷲ ދެރަ ގޮތެއް މެދުވެރިއެއް ނުކުރައްވާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައި ވަނީ ޒައިދްއަށް ދީފައިވާ ހުއްދަ ބާތިލް ކުރީ ޒައިދުއާ ގުޅޭ ގޮތުން މައްސަލަ ތަކެއް ބަލަމުން ދާތީ އޭނާއަށް ދީނީ ނަސޭހަތާއި ދަރުސް ދިނުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލް ކުރާ ކަމަށެވެ. އޭނާ އާއި ގުޅޭ ގޮތުން ބައްލަވަމުން ގެންދަވަނީ ކޮންކަހަލަ މައްސަލައެއްކަމެއް އިސްލާމިކް މިނިސްޓްރީން ހާމައެއް ނުކުރައްވައެވެ.

ފަހަކަށް އައިސް ޝެއިޚް ޒައިދުދަނީ މީސްމީޑިޔާގައި ދީނީ ކަންކަމާ ގުޅޭ ގޮތުން ސަރުކާރުން ނިންމަވާ ނިންމެވުންތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާފައެވެ. މިގޮތުން ދީނީ ދަރުސްތަކާއި ދީނީ ކަންކަމަށް ސުކޫލްތަކުގެ ހޯލް ނުދޭ މައްސަލައިގައި ލާދީނީ މީހެއް އެޑިއުކޭޝަން މިިނިސްޓްރީގައި ހުރިނަމަ އެމީހެއް ނެރެ އެތަން ސާފުކޮށްދިނުމަށް ޝެއިޚްވަނީ ގޮވާލައްވާފައެވެ.