ހެލްތު މިނިސްޓްރީ އިން ނޫސްތަކުގެ މެދުގައި ހަމަހަމަކަން ނުބަހައްޓާތީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ހެލްތު މިނިސްޓްރީ އިން ބާއްވަމުން އަންނަ އެކި އެކި ނޫސްވެރިންގެ ބައްދަލުވުންތަކުގައި އަދި އެހެނިހެން އިވެންޓުތަކުގައާއި ކަންކަމާއި ބެހެގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގައި ތަފާތުކަން ގެންގުޅޭ ކަމަށް ނޫސްވެރިންގެ ކިބައިން އެ ކައުންސިލަށް ލިބެމުން އަންނަ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް ގެނެވިފައިވާކަމަށެވެ.

އެގޮތުން ނޫސްވެރިން މައްސަލަ ހުށަހެޅިއިރު ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، އެ މިނިސްޓްރީ އިން މިމަހުގެ 24 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތަކަާް ދައުވަތު ލިބިފައި ނުވާ މައްސަލައާއި، ހެލްތު މިނިސްޓްރީގެ ވައިބާ ގްރޫޕްގައި ބައެއް ނޫސްވެރިން ކޮށްފައިވާ ސުވާލުތަކަށް ޖަވާބު ނުލިބޭ މައްސަލައާއި، މިއީ ކުރީގެ ހެލްތު މިނިސްޓަރ އަބްދުالله އަމީންގެ ދައުރުގައިވެސް ހައްލު ހޯދަން ބޭނުންވެ ހައްލު ލިބިފައި ނުވާ މައްސަލައެއް ކަމަށް ނޫސްވެރިން ޝަކުވާ ހުށަހަޅާފައި ވާކަމަށް މީޑިއާކައުންސިލުން ވަނީ ވިދާޅުވެފައެވެ.

އެމްއެމްސީ އިން ވިދާޅުވެފައި ވަނީ އެ މިނިސްޓްރީ އާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން މިހާރު ވާނީ ހެލްތު މިނިސްޓްރާއި އެކު ބައްދަލުވުމެއް ބޭއްވުމަށް އެދިފައި ކަމަށެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދާ ލިބުގަތުމުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް ސަރުކާރުންނާއި، މީޑިއާއާއި އެހެނިހެބް ފަރާތްތަކުން ކުރާ ކަންކަން ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅައިގެން ހައްލުކުރުމާއި، އާންމުކޮށް މައުލޫމާތު ފޯރުކޮށްދިނުމުގެ މިނިވަންކަމާއި، ރައްޔިތުންނަށް ކަންކަން އެނގުމުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް ސިޔާސީ، ގާނޫނީ ނުވަތަ ވިޔަފާރީގެ ނުވަތަ އިގްތިސާދީ ގޮތުން އެޅޭ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެކަންކަން ދިރާސާކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް މެދރުވެރިކޮށް އެކަންކަން އިސްލާހު ކުރުމަކީ އެ ކައުންސިލަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ ޒިންމާއެއް ކަމަށް މީޑިއާ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

''އެހެންކަމުން މީޑިއާތަކުގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނުބަހައްޓާ ހަމަހަމަކަމާއި އެކު ނޫސްވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމަކީ މި ކައުންސިލުން ނުހަނު ބާރު އަޅާކަމަކަށް ވީހިނދު، ހުރިހާ މީޑިއާތަކަށް ހަމަހަމަ އުސޫލެއްގެ މަތިން މައުލޫމާތު ފޯރުކޮށްދިނުމަށް މިކައުންސިލުން އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ'' އެ ކައުންސިލްގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.